އުމަރު ބިން ޚައްތާބަކީ އިސްލާމީ ތާރީޚުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޝަޚުސިއްޔަތެވެ. އެކަލޭގެފާނަކީ މުސްލިމުންގެ ދެވަނަ ޚަލީފާ އެވެ. އިސްލާމްވުމުގެ ކުރީގައި އެކަލޭގެފާނު ހުންނެވީ ގުރައިޝް ވަންހައިގެ ހަރުދަނާ ހިތްވަރު ގަދަ ޒުވާނެއްގެ ގޮތުގަ އެވެ.

އިސްލާމް ދީން ވުޖޫދަށް އައިސް މައްކާގެ ބައެއް މީހުން އިސްލާމް ދީން ގަބޫލުކޮށް ވަކި ގޮތަކަށް އުޅެގަތުން ވީ އުމަރުގެފާނަށް ގަބޫލުފުޅު ކުރައްވަން އުނދަގޫފުޅު ކަމަކަށެވެ. ވަކި ދީނެއް އައިސް ގުރައިޝުންގެ މެދުގައި ބައިބައިވުން އުފެދުމަކީ އެކަލޭގެފާނުގެ ނަޒަރުގައި ވެގެން ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން އިސްލާމް ދީނަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހެއްދެވި ބޭކަލަކަށް އުމަރުގެފާނު ވެވަޑައިގަތެވެ.

ﷲ ގެ ކުޅަދުނަވަންތަކަމުން އުމަރުގެފާނުގެ ހިތްޕުޅަށް އިސްލާމް ދީނުގެ ހިދާޔަތު ވަދެ، އިސްލާމް ދީން ގަބޫލުކުރެއްވުމަށް ފަހު އެކަލޭގެފާނު ވެވަޑައިގެންނެވީ އިސްލާމް ދީނަށްޓަކައި ޖާނާއި މާލުން ގުރުބާން ވެވަޑައިގެންނެވި ހިތްވަރު ގަދަ ސަހާބަކަށެވެ.

އުމަރުގެފާނުގެ ވެރިކަމުގައި މުސްލިމް އުންމަތުގެ ބާރު ގަދަވެ، ރޯމަނުންގެ އަތްދަށުގައި ހުރި ޝާމު ކަރައިގެ ވަރަށް ގިނަ ހިސާބު މުސްލިމުން ފަތަހަ ކުރި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ތަނަކީ ޖެރޫސަލަމެވެ.

ޖެރޫސަލަމަކީ އެބިމުގައި މީހުން އާބާދުވެ އުޅުމުގެ ދިގު ތާރީޚެއް އޮތް ބިމެކެވެ. އެ ތާރީޚު އީސާގެފާނުގެ ސަނަތުގެ 3،500 އަހަރު ކުރިއަށް ދެމިގެންދެ އެވެ. ފުރަތަމަ އެ ބިމުގައި ވަޒަންވެރިވެ އުޅުނު ބައެއްކަމުގައި ވަނީ ކަންއާނީންނެވެ. ސަލާމް ލެއްވި ދާވޫދުގެ ފާނު ޖެރޫސަލަމްގެ ކޮންޓްރޯލް ހޯއްދަވައި އެތަނުގައި ރަސްކަން ހިންގެވީ އީސާގެފާނުގެ 1،000 އަހަރު ކުރިންނެވެ. އެއަށްފަހު ބެބިލޯނިޔަނުން ޖެރޫސަލަމް ހިފި އެވެ.

އީސާގެފާނުގެ 332 އަހަރު ކުރިން އެލެގްޒެންޑާ ދަ ގްރޭޓް އެ ބިން ހިފުމާ ހަމަޔަށް އެބިމުގައި ވެރިކަން ކުރަމުން ގެންދިޔައީ ބެބިލޯނިޔަނުން ނެވެ. އޭގެ ފަހުން އެ ދުވަސް ވަރުގެ ދުނިޔޭގެ ގަދަ ދެބާރު ކަމުގައި ބެލެވުނު ރޯމަނުންނާއި ފާރިސީންގެ މެދުގައި ދޭތެރެ ދޭތެރެއިން ދިޔައީ ހަނގުރާމަ ކުރެވެމުންނެވެ.

މީލާދީން 614 ވަނަ އަހަރު ފާރިސީންގެ އަތްދަށަށް ޖެރޫސަލަމް ދިއުމާ ވިދިގެން މުޅި ސިޓީ ލޫޓުވާ ލެވުނެވެ. ކްރިސްޓިއަނުންގެ ފައްޅިތައް ތަޅައިލައި 90،000 ކްރިސްޓިއަނުން ގަތުލުކޮށްލި އެވެ. އެހެންނަމަވެސް ފާރިސީންގެ ވެރިކަމުގައި ޔަހޫދީންނަށް އެތައް ޒަމާނެއް ފަހުން ބައިތުލަ މަގުދިސަށް ވަދެ އަޅުކަން ކުރުމުގެ ހުއްދަ ލިބުނެވެ.

އޭގެފަހުން 628 ވަނަ އަހަރު އެމްޕެރާ ހާކިއުލަސް ބައިތުލް މަގުދިސް ރޯމަނުންގެ އަތް ދަށަށް އަނބުރާ ގެންދިޔަ އެވެ. އެ ހިސާބުން ޔަހޫދީން ގުދުސަށް ވަނުން މަނާ ކުރެވުނެވެ. ބައިތުލް މަގުދިސް ތަޅާލައި އެ މިސްކިތް ހުރި ހިސާބު ކުނި ގޮޑަކަށް ބަދަލުކޮށްލި އެވެ.

އުމަރުގެފާނު އިސްލާމީ ދައުލަތުގެ ޚަލީފާ އަކަށް ވެވަޑައިގެންނެވިއިރު އެ ދައުލަތް އޮތީ މުޅި އަރަބި ކަރަޔަށް ފެތުރިފަ އެވެ. އޭރު ޝާމް ކަރައިގައި ވެރިކަން ކުރަމުން ގެންދިޔަ ރޯމަނުންގެ އުނދަގޫ އިސްލާމީ ދައުލަތަށް އެކި ގޮތްގޮތުން ދިޔައީ ފޯރަމުންނެވެ. އެހެންކަމުން އުމަރުގެފާނު އިސްލާމީ ލަޝްކަރު ޝާމަށް މިސްރާބު ޖެއްސެވި އެވެ.

މުސްލިމުންގެ އެންމެ ބޮޑެތި ކޮމާންޑަރުން ކަމަށްވާ ޚާލިދު ބިން ވަލީދާއި އަމްރު ބިން ޢާސް ފަދަ ބޭކަލުންގެ ކޮމާންޑަރުކަމުގެ ދަށުގައި ޝާމަށް ފޮނުވި ލަޝްކަރުތަކުން ހޯދަމުން ދިޔަ ނަސްރުގެ ސަބަބުން އެ ހިސާބުގައި އެތައް ޒަމާނެއް ވަންދެން ފައި ހަރުކޮށްގެން ތިބި ރޯމަނުން ހަތިޔާރު ބަހައްޓަން މަޖުބޫރު ވިއެވެ.

މީލާދީން 632 ވަނަ އަހަރު ޔަރުމޫކުގައި ރޯމަނުންނާއި މުސްލިމުންނާ ދެމެދު ކުރެވުނު ވަރުގަދަ ހަނގުރާމައިން މުސްލިމުންނަށް ލިބުނު ފަތަހަ ވީ، ރޯމަނުންނަށް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ. އެހިސާބުން ސީރިޔާގެ ގިނަ ސިޓީތަކެއް މުސްލިމުންގެ އަތްދަށަށް ދިޔަ އެވެ. ޝާމު ކަރައިން މުސްލިމުންގެ ބާރުގެ ދަށަށް އައި ކޮންމެ ސިޓީއެއްގެ ވެސް އާންމު ރައްޔިތުންގެ ތަރުހީބު މުސްލިމުންނަށް ލިބެމުން ދިޔައީ ވަރަށް ފުރިހަމައަށެވެ.

އެދުވަސްވަރު އެހިސާބުގަނޑުގައި އުޅެމުންދިޔަ ޔަހޫދީންނާއި ނަސާރާއިން ވެސް ވެސް މުސްލިމުންނާ މެދު ދުށީ އެ މީހުންނާ ގާތް ބައެއްގެ ގޮތުގަ އެވެ. ސަބަބަކީ އަސްލު ޔަހޫދީ ދީނާއި ނަސާރާ ދިނާ އެއްގޮތް ސިފަތަކެއް އިސްލާމްދީނުން އެ މީހުންނަށް ފެނުމެވެ. އޭގެ ބަދަލުގައި އެ މީހުންގެ މައްޗަށް ބާރު ފޯރުވައިގެން ތިބި ރޯމަނުންނަކީ ނަސާރާއިން ކަމުގައި ވިޔަސް އެމީހުންގެ އަގީދާގައި ބޮޑު ތަފާތެއް ހުރުމާއި ރައްޔިތުންގެ މެދުގައި އިންސާފުގާއިމު ކުރުމުގައި އެ މީހުން ފެއިލް ވެފައިވުމެވެ.

ސީރިޔާ މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުމުން އުމަރުގެފާނު އިސްލާމީ ލަޝްކަރު ޖެރޫސަލަމާ ދިމާޔަށް މިސްރާބު ޖެއްސެވުމަށް އެންގެވި އެވެ. އެކަމަށް ޓަކައި އަބޫއުބައިދާ އިބުނު ޖައްރާހްގެ ކޮމާންޑަރުކަމުގެ ދަށުގައި ލަޝްކަރެއް ފޮނުއްވެވި އެވެ. އެ ލަޝްކަރު ޚާލިދު ބިން ވަލީދާއި އަމްރު ބިން އާސްގެ ލަޝްކަރާ ގުޅި، ޖެރޫސަލަމް ވަށައިލީ މީލާދީން 637 ވަނަ އަހަރުގަ އެވެ. އޭރު މުސްލިމު ލަޝްކަރާ ހަނގުރާމަކޮށް ރަށް ދިފާއުކުރުމުގެ ހިތްވަރެއް ރޯމަނުންގެ ކިބަޔަކު ނެތެވެ. ލޭ އޮހޮރުވުމަކާ ނުލައި ޖެރޫސަލަމް ހިފުމުގެ އުންމީދުގައި ރަށް ހިސާރު ކޮށްގެން އިސްލާމީ ލަޝްކަރު ހަތަރު މަސް ދުވަހު އޮތްކަމަށްވެ އެވެ. އެހިސާބުން ރޯމަން އެމްޕެރާ ހާކިއުލަސް އަމާން ދިނުމަށް ނިންމި އެވެ. އެހެނަސް ޝަރުތެއްގެ މަތިންނެވެ. އެ ޝަރުތަކީ މުސްލިމުންގެ އަމީރު ސީދާ ވަޑައިގެން ރަށުގެ ތަޅުދަނޑިޔާ ހަވާލުވެ ވަޑައިގެންނެވެމެވެ.

ރޯމަނުންގެ މި ޝަރުތަކީ އެ ދުވަސްވަރުގެ އިސްލާމީ އާދަކާދަ އޮތް ގޮތަށް ބަލާއިރު ގަބޫލުކުރަން އެހާ ފަސޭހަ ޝަރުތަކަށް ނުވެ އެވެ. ސަބަބަކީ އަމީރުލް މުއުމިނީން މަދީނާ ދޫކުރައްވާފައި ވަޑައިގަތުމަކީ އޭރުގެ އާދަކާދައިގެ ގޮތުންނާއި ސަލާމަތީ ގޮތުން ވެސް ކުރުން އެކަށޭނަ ކަމެއް ކަމަށް ނުވުމެވެ. އެހެންކަމުން މި ހުށަހެޅުމާ ބެހޭ ގޮތުން އުމަރުގެފާނު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ.

މަދީނާގެ މުސްލިމުންގެ މެދުގައި މި މައްސަލައިގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވި އެވެ. ގިނަ ބަޔަކު ދުށް ގޮތުގައި ރޯމަނުންނަށް އިތުބާރުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެ މީހުންގެ އެ ހުށަހެޅުމުގެ ފަހަތުގައި މަކަރުވެރި ރޭވުމެއް އޮވެދާނެ ކަމަށް ވެސް ޚިޔާލު ފާޅުކުރެވުނެވެ. އެހިނދު އަލީގެފާނުގެ ލަފަޔަކަށް އުމަރުގެފާނު އެއްސެވި އެވެ.

އަލީގެފާނުގެ ޖަވާބަކަށްވީ އުމަރުގެފާނު ކޮންމެހެން ވެސް ޖެރޫސަލަމަށް ވަޑައިގެންނެވުމެވެ. ސަބަބަކީ މުސްލިމުންގެ ހިތާ ގުޅިފައިވާ ބައިތުލް މަގުދިސް އެ ބިމެއްގައިވާ މާތް ބިން އެއްވެސް ލޭ އޮހޮރުވުމަކާ ނުލައި މުސްލިމުންގެ އައްމައްޗަށް އައުމުގެ ފުރުސަތު ލިބުމުން އެ ފުރުސަތު ނަގާނުލުމެވެ.

އަލީގެ ފާނުގެ މި މަޝްވަރާ އައްސަވައި އުމަރުގެފާނު މަދީނާއިން ޖެރޫސަލަމަށް ދަތުރު ފެއްޓެވި އެވެ. މި ތާރީޚީ ދަރުރުގައި އުމަރުގެފާނު ވަޑައިގެންނެވީ އެންމެ ޖަމަލަކާއި ޚާދިމަކާ އެކުގަ އެވެ. ދަތުރަށް ފުރާވަޑައިގެންނެވި އިރު އުމަރުގެފާނު ޚާދިމަށް ވިދާޅުވި އެވެ. ދަތުރުގެ ފުރަތަމަ ބައިގައި ތިމަންކަލޭގެފާނު ސަވާރުވެގެން ދަތުރުކުރާނަމެވެ. ފަހު ބައިގައި ޖަމަލަށް ސަވާރުވާނީ ޚާދިމެވެ. އެގޮތަށް ދަތުރުކުރައްވައި ޖެރޫސަލަމްގެ ރަށްބޭރަށް ވަޑައިގެންނެވުނު އިރު، ޖަމަލު މަތީގައި ހުރީ ޚާދިމެވެ. ލަގަނުގައި ހިއްޕަވައިގެން ހިންގަވާފައި ވަޑާއިގެންނެވީ އުމަރުގެފާނެވެ.

އެއިރު މުޅި ޖެރޫސަލަމް އޮތީ މުސްލިމުންގެ ލީޑަރަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެފަ އެވެ. ބުނެވޭ ގޮތުގައި ހާކިއުލަސްގެ އަމުރަށް 700 މީޓަރުގެ ރަތް ކާޕެޓެއް އުމަރުގެފާނުގެ އިސްތިގުބާލުގައި ދަމާފައި އޮތެވެ. ރޯމަން ގާޑުން ރަސްމީ ހެދުމުގައި ސަފުތައް އެތުރިފައި އޮތެވެ. ވެރިންނާއި ދީނީ ލީޑަރުން ވެސް އެބައެއްގެ ރަސްމީ ހެދުމުގައި ހާޒިރުވެ ތިއްބެވެ.

މުސްލިމުންގެ އަމީރުގެ އިސްތިގުބާލުގައި އެހާ ބޮޑަށް ތައްޔާރު ވެފައި ވަނިކޮށް އުމަރުގެފާނު ޚާދިމެއް ޖަމަލަށް ލައްވައިގެން ޖަމަލު ދަންމަވައިފައި ވަޑައިގަންނަވާ މަންޒަރު ޖެރޫސަލަމްގައި ތިއްބެވި އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުންނަށް ފެނުމުން އެކަމާ އެބޭފުޅުންގެ ހިތްޕުޅުގައި ނުތަނަވަސްކަން އުފެދުނެވެ.

އެވަގުތު އަބޫ އުބައިދާ ކުރިޔަށް ވަޑައިގެން އުމަރުގެފާނާ މުގާބިލާކުރައްވައި ރަސްމިއްޔާތަށްޓަކައި ރޯމަނުން ތައްޔާރު ވެފައިވާ މިންވަރާއި އެމަނިކުފާނު ތުރުކުރައްވައިގެން ހުންނެވި އެތައް ތަނަކުން ވީދި ތޯޑުވައިފައިވާ ހެދުންކޮޅު ބަދަލު ކުރައްވައި އެކަށީގެންވާ ގޮތަށް ތައްޔާރުވެ ވަޑައިގެންނެވުމަށް ދެންނެވި އެވެ.

އެ ވާހަކަފުޅާ ރުހިވަޑައި ނުގެން އުމަރުގެފާނު ވިދާޅުވި އެވެ. އަހަރެމެން މުސްލިމުންނަށް މާތްކަން ލިބުނީ ތަގުވާވެރިކަމުންނެވެ. އެ ތަގުވާ ވެރިކަން ދޫކޮށްލައި އެހެން ކަމަކުން މާތްކަން ހޯދަން އަހަރެމެން އެދިގެންފިނަމަ އަހަރެމެންގެ އަތުން ހުރިހާ އެއްޗެއް ގެއްލިދާނެ އެވެ. އެހެން ވިދާޅުވެ، އުމަރުގެފާނު ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ވަޑައިގަންނަވައި ،ރަށުގެ ވެރިންނާ ބައްދަލުކުރެއްވި އިރު އެމަނިކުފާނު ތުރު ކުރައްވައިގެން ހުންނެވީ 70 ތަނުން ތޯޑުވާފައި އޮތް ހެދުން ކޮޅެކެވެ. އޭރު މުޅި ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމުގައިވާ މުސްލިމުންގެ ވެރިޔާގެ ހިތްތިރިކަން ފެނި ރޯމަނުންގެ ވަރަށް ހައިރާންވި އެވެ.

ރަށުގެ ތަޅުދަނޑިއާ ހަވާލު ވެވަޑައިގެންނެވުމަށް ފަހު އުމަރުގެ ފާނު އަވަސްވެ ވަޑައިގެންނެވީ ބައިތުލަ މަގުދިސް ހުރިތަން ހޯއްދަވައި އެތަން ސާފު ކުރެއްވުމަށެވެ. އެއަށްފަހު އެތަނުގައި ދެ ރަކުއަތް ނަމާދެއް ކުރެއްވި އެވެ.

ޖެރޫސަލަމްގެ ތަޅުދަނޑިޔާ ހަވާލު ވެވަޑައިގަތުމަށް ފަހު އެބިމުގައި ދިރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ލިއުމެއް ލިއުއްވައި އުމަރުގެފާނު ސޮއި ކުރެއްވި އެވެ. އެ ލިޔުމުގައިވާ ގޮތުން އެ ބިމުގައި ދީނަކަށް ނަސްލަކަށް ތަފާތު ކުރުމެއްނެތި، ހުރިހާ އެންމެނަށް އުޅުމުގެ ހައްގު ލިބިގެންވެ އެވެ. ކްރިސްޓިއަނުންގެ ފައްޅިތަކާއި އެ މީހުންގެ ދީނީ ބިނާތަކަށް ހިމާޔަތްކަން ލިބިގެންވެ އެވެ. ޔަހޫދީންނަށް އެ މީހުންގެ ދީނީ ބިނާތަކުގައި އަޅުކަންކޮށް އުޅުމުގެ ހުއްދަ ދެއްވި އެވެ.

އެތައް ޒަމާނެއް ވަންދެން ޖެރުސަލަމަށް ވަނުން މަނާވެފައި އޮތުމަށް ފަހު ޔަހޫދީންނަށް ވެސް އެ ބިމުގައި އަމާންކަމާއެކު ދިރި އުޅެވޭނެ ގޮތް އެ މުއާހަދާގެ ސަބަބުން ފަހިވެގެން ދިޔަ އެވެ.

އުމަރުގެފާނުގެ ތާރީޚި ދަތުރުގައި ޖެރޫސަލަމްގެ ތަޅުދަނޑިއާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ދެއްވި ހިމާޔަތުގެ ލިޔުމާ އެއްގޮތްވާ ގޮތުގެ މަތިން ޖެރޫސަލަމްގައި ހުރިހާ ދީނެއްގެ މީހުން އަމާންކަމާ ސުލްހަ މަސަލްސްކަމާއެކު 400 އަށްވުރެ ގިނަ އަހަރަށް ފަހުމީލާދީން 1099 ވަނަ އަހަރު ސަލީބީން އެ ރަށް ހިފުމާ ހަމަޔަށް ދެމި އޮތެވެ.