ދީޕިކާ ޕަޑުކޯން އާއި ރިތިކް ރޯޝަން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަކީ "ފައިޓާ" އެވެ.

ވިއާކޮމް 18 އިން ޕުރޮޑިއުސްކުރާ ބޮޑު ބަޖެޓްގެ ފިލްމުގައި މި ދެތަރިންގެ ކެމިސްޓްރީ ފުރަތަމަ ފަހަރަށް ފެނިގެންދާއިރު، ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "ބޭންގު ބޭންގު" އާއި "ވާ" އަދި "ޕަޓާން" ފަދަ ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ސިދާތު އާނަންދު އެވެ.

މި ފިލްމު ވެގެންދާނީ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމަށެވެ. އިންޑިއާގެ ފިލްމު ކްރިޓިކް އަދި ޓްރޭޑް އެނަލިސްޓް ތަރަން އާދަރްސް މި ފިލްމާ ބެހޭ ގޮތުން ބުނެފައި ވަނީ، މި ފިލްމަކީ ފުރަތަމަ ވައިގެ އެކްޝަން ފެނިގެންދާނެ ފިލްމެއް ކަމަށާއި އާމީ އޮފިސަރުންގެ ގުރުބާނީއަށް ދޭ ސެލިއުޓެއް ކަމަށެވެ.

"ސިދާތު އާނަންދުގެ ކުރިއަށް އޮތް ފިލްމު "ފައިޓަ" ގައި ދިޕިކާ އާއި ރިތިކް. މިފިލްއަކީ އިންޑިއާގެ ފުރަތަމަ ވައިގެ އެކްޝަން ފެނިގެން ދާނެ ފިލްމު. ފައިޓާއަކީ އިންޑިއާގެ އާމީ އޮފިސަރުންގެ ގުރުބާނީ އަށް ދޭ ސެލިއުޓެއް. މި ފިލްމު ޑިޒައިން ކޮށްފައިވަނީ ގުލޯބަލް އޯޑިއަންސަށް. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ޝޫޓިން ކުރާގޮތަށް އޮތްއިރު ރިލީޒް ކުރާނީ 2022ގައި،" ތަރަން ވަނީ ބުނެފަ އެވެ.

މި އަހަރު ރިތިކްގެ އުފަންދުވަހު ޑައިރެކްޓަރ އާނަންދު މި ފިލްމު އުފައްދާކަން އިއުލާންކޮށްފައިވާއިރު ފިލްމުގެ ޕުރޮޑަކްޝަންގައި ގިނަ އަދަދެއްގެ ޓެކްނީޝަނުން ވެސް ބައިވެރިވެ އެވެ. މިހާތަނަށް އިންޑިއާގައި އުފައްދާފައި ނުވާ ޔުނިކް ސިނަމެޓިކް ތަޖުރިބާތަކެއް ފައިޓާގައި ފެނިގެންދާނެ އެވެ.

ފިލްމު ފައިޓާގައި ދެކުނުގެ ބައެއް ތަރިން ފެނިގެންދާއިރު، މި ފިލްމު ޓެލެގޫ ބަހުސް ވެސް ރިލީޒް ކުރާނެ އެވެ.