ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1،232 ސާމްޕަލްގެ ތެރެއިން 66 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިބައްޔަށް އިއްޔެ މުޅި ރާއްޖެއިން 86 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު އަލަށް ޕޮޒިޓިވްވި 66 މީހުންގެ ތެރެއިން 54 މީހުންނަކީ ދިވެހިންނެވެ. އަދި 12 ބިދޭސީން ވެސް ޕޮޒިޓިވްވި އެވެ. މީގެ ތެރެއިން 60 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބަލި ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ އަދަދު ވަނީ 74 އަށް އިތުރުވެފަ އެވެ. އިއްޔެއާ ހަމަޔަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައީ 67 އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވާ ރޭޓް އުޅެނީ ކޮންމެ ސަތޭކައަކުން 10.91 ގަ އެވެ. މިމަސް ފެށުނުއިރު އެ ރޭޓު އުޅެނީ 10.56 ގަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބަލިން ރަނގަޅުވާ ރޭޓު މިހާރު އުޅެނީ 89.32 އިތުރުވެފަ އެވެ.