ރިޔާސީ ނިސާމަކުން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުުކުރަން ޖެހޭ ސަބަބެއް މިވަގުތު ރާއްޖޭގައި ނެތްކަމަށް ނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ކުރީގެ ރައިސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަނީ ވަކާލަތު ކުރައްވަމުންނެވެ. ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވެން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށެވެ.
އެކަމާ ގުޅޭގޮތުން އޮންލައިން ނޫސް" އަވަސް"އަށް ދިން އިންޓަވިއެއްގައި ސަނީފު ވިދާޅުވީ، 2007 ވަނަ އަހަރު ނިޒާމު ކަނޑައެޅުމަށް ނެގި ވޯޓުގައި އެމްޑީޕީ ބޭނުންވީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި އޭރު އެކަމަށް ގަދަޔަށް އެ ޕާޓީން ކެމްޕެއިން ވެސް ކުރެއްވި ކަމަށެވެ. އެ ކެމްޕެއިނުގައި އޭނާ ވެސް ބައިވެރިވެ ތިނަދޫގައި ބަރުލަމާނީއަށް ކެމްޕެއިން ކުރަމުން ދިޔަ ކަމަށް ސަނީފު ވިދާޅުވި އެވެ.
އަދި އޭރު އެގޮތަށް ބަރުލަމާނީއަށް ތާއިދުކޮށް ކެމްޕެއިން ކުރެއްވީ އެ ދުވަސްވަރު ބަރުލަމާނީ ނިޒާމުގެ ފައިދާ ރައްޔިތުންނަށް ކުރާނެތީ ކަމަށެވެ. ނަމަވެސް މިހާރު ދިމާވެގެން އުޅެނީ ނިޒާމުގެ މައްސަލަ ނޫންކަން މިހާރު ހުރި ހުރިހާ މައްސަލަތަކަށް ރަނގަޅަށް ވިސްނާލުމުން އެނގިވަޑައިގަންނަވާ ކަމަށް ސަނީފު ވިދާޅުވި އެވެ.
ރައީސްގެ މަގާމަަށް ކޮންމެ ފަހަރަކު ވެސް ބޭފުޅަކު އަންނަނީ ކޯލިޝަން ބައިވެރިންގެ އެހީތެރިކަމާއެކު ކަމަށް ވިޔަސް އެއީ އެ ނިޒާމު އަދި މިހާރު އޮތް ގާނޫނު އަސާސީ ވެސް ދަންނަ ކަމެއް ނޫން ކަމުން ނިޒާމު ބަދަލު ކުރުމުގެ ބަދަލުގައި ގާނޫނުތައް އިސްލާހުކޮށް ހަރުދަނާ ކުރުން މާ ރަނގަޅު ކަމަށް ސަނީފު ދެކިވަޑައިގަންނަވަ އެވެ.
އޭނާ ވިދާޅުވީ ނިޒާމުގެ ބަހުސްގެ ކުރިން ރަނގަޅު ކުރަން ޖެހޭ އަދި ގައުމާއި ރައްޔިތުންނަށްޓަަކައި ކުރަންޖެހޭ އެއަށްވުރެ މާގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. އެހެން ކަމުން މިއީ ނިޒާމު ބަދަލު ކުރަން ޖެހޭ ވަގުތެއް ނޫން ކަމަށެވެ. ސަނީފް ވިދާޅުވީ ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ރައްޔިތުންނާއި ގައުމަށް ވަފާތެރިވެ އިހުލާސްތެރިވެއްޖެނަމަ ނިޒާމުވެސް ރަނގަޅުވެ، މައްސަލަތައް ވެސް ހައްލުވީ ކަމަށެވެ.