އެކްތާ ކަޕޫރު ޕްރިޑިއުސްކޮށް 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށް ޒީ ޓީވީން ދެއްކި ޑްރާމާ ސީރީޒް "ޕަވިތްރާ ރިޝްތާ" ގެ ދެވަނަ ސީޒަނެއް ފަށަން އުޅޭކަމުގެ އިޝާރާތްތައް ވަމުން އަންނަ ދުވަސްތަކަކަށްފަހު އެ ސީރީޒްގެ މަސައްކަތްތައް އާދީއްތަ ދުވަހު މިވަނީ ފަށާފަ އެވެ.

އެ މަސައްކަތްތައް ފަށާފައިވާކަން ހާމަކޮށްފައި ވަނީ އަލްޓް ބާލާޖީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި މި ސީރީޒްގެ ލީޑްރޯލުން ފެންނަ އަންކިތާ ލޮކަންޑޭ އަދި ޝަހީރް ޝެއިކް އެކުގައި ނަގާފައިވާ ފޮޓޯއެއްގެ ޒަރީއާއިންނެވެ.

މި ސީރީޒްގައި އަންކިތާ ލޮކަންޑޭ ފެނިގެންދާނީ ކުރިއެކޭ އެއްގޮތަށް ހަމަ އަރްޗަނާގެ ރޯލުންނެވެ. ނަމަވެސް މާނަވްގެ ރޯލު ކުޅެން މިފަހަރު ހަމަޖެހިފައިވަނީ ޝަހީރް ޝެއިކް އެވެ.

ޕަވިތްރަ ރިޝްތާގެ އޮރިޖިނަލް ސީރީޒްގައި އެންމެ ފުރަތަމަ މާނަވްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ސުޝާންތު ސިންގް ރާޖްޕުތް އެވެ. ނަމަވެސް ފަހުން އޭނާއަށް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބުމުން އެ ފުރުސަތުގެ ބޭނުން ހިފަން އޭނާ ވަނީ ޝޯ ދޫކޮށްލައިފަ އެވެ. ސުޝާންތަށްފަހު މާނަވްގެ ރޯލުން ފެނިފައި ވަނީ ހިތޭން ތޭޖްވާނީ ކަން ފާހަގަކޮށްލެވެ އެވެ.

ޖުމުލަ 20 އެޕިސޯޑްގެ މައްޗަށް އުފައްދަން ހަމަޖެހިފައިވާ މި ސީރީޒްގެ ދެވަނަ ސީޒަން ދައްކަން ހަމަޖެހިފައި ވަނީ އޯޓީޓީ ޕްލެޓްފޯމް ޒީ 5 އިންނެވެ.