ލޯބީގެ ރޯލުތަކުން ބޮލީވުޑްގައި މަޝްހޫރުވެފައިވާ އިމްރާން ހާޝްމީގެ ހަށިގަނޑަށް ގެނެސްފައިވާ ބޮޑު ބަދަލަކުން އޭނާގެ ސަޕޯޓަރުން ސިއްސުވާލައިފި އެވެ.

ހަށިގަނޑަށް އައިސްފައިވާ ބަދަލު އިންސްޓަގްރާމްގައި ދައްކައިލަމުން އިމްރާން ބުނީ "މިއީ އަދި ފެށުމެއް" ކަމަށެވެ.

އިމްރާން މާސްކު އަޅައިގެން ހުރެ އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ދައްކާލުމަށް އިންސްޓަގްރާމަށް ލީ ފޮޓޯއާއެކު ބުނެފައިވަނީ މިއީ އަދި ފެށުން ކަމަށެވެ.

އިމްރާން ހާޝްމީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް

ސަލްމާން ޚާން އާއި ކެޓުރީނާ ފެނިގެންދާ "ޓައިގާ 3" ފިލްމަށް އިމްރާން ތައްޔާރުވުމުގެ ގޮތުން މި އަހަރުގެ ކުރީކޮޅުން ފެށިގެން އޭނާ ހާއްސަ ޓީމެއްގެ ދަށުން ވޯކްއައުޓް ސެޝަންތަކާއި ހާއްސަ ޑައިޓްތަކެއް އަންނަނީ ނަގަމުނެވެ.

މި ފިލްމުގައި އިމްރާން ފެނިގެންދާނީ ވިލަނެއްގެ ރޯލުންނެވެ. އަދި ފިލްމުގެ ޝޫޓިންތައް މި މަހު ފަހު ކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުރަތަމަ ސެޑިއުލް އިންޑިއާގައި ހަމަޖެހިފައި ވީނަމަވެސް އިންޑިއާއިން ބޭރުގައި ވެސް ހާލަތު ތަންދޭނަމަ ޝޫޓިންތައް ކުރިއަށް ގެންދާނެ އެވެ. އޮގަސްޓު 15 ފަހުން ޔޫރަޕް އަދި މިޑްލް އީސްޓްގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ޓައިގާ 3" އަކީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، މަނީޝް ޝަރުމާ ޑައިރެކްޓްކުރާ އެކްޝަން ސްޕައި ތުރިލާއެކެވެ.