ނެޓް ފްލިކްސްއިން ދައްކަން ހަމަޖެހިފައިވާ "ހީރާ މަންޑީ" ގެ ފުރަތަމަ އެޕިސޯޑް ޑައިރެކްޓްކުރުމަށް ސަންޖޭ ލީލާ ބާންސާލީ ވަނީ ނިންމައިފަ އެވެ.

ޖުމުލަ ހަތް އެޕިސޯޑްގެ މައްޗަށް އުފައްދާ މި ސީރީޒްގެ ބާކީ ހަ އެޕިސޯޑް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ވިބޫ ޕޫރީ އެވެ.

ވިބޫ ޕޫރީ ވަނީ ސަންޖޭ ލީލާ ބާންސާލީގެ "ސާވަރިޔާ" މި ފިލްމުގައި އެސިސްޓް ކޮށްދީފަ އެވެ. އަދި ހަމަ އެހެންމެ ސަންޖޭ ލީލާ ބާންސާލީގެ "ގުޒާރިޝް" މި ފިލްމުގެ ޑައިލޮގްތައް ވެސް ލިޔެފައިވަނީ ވިބޫ ޕޫރީކަން ފާހަގަކޮށްލެވެ އެވެ.

ޕްރޮޑަކްޝަން ޓީމާ ގާތް މީހަކު ބުނިގޮތުގައި "ހީރާ މަންޑީ" މި ޕްރޮޖެކްޓަކީ 12 އަހަރު ވެފައިވާ ސަންޖޭ ލީލާ ބާންސާލީގެ ހުވަފެނީ ޕްރޮޖެކްޓެކެވެ. އަދި މިހާތަނަށް މި ޕްރޮޖެކްޓްގެ ވާހަކަ ރަސްމީގޮތުން ސަންޖޭ ލީލާ ބާންސާލީ ހާމަކޮށްފައި ނުވަނީ އޭނާ މިވަގުތު "ގަންގުބައި ކަތައިވަޑީ"ގެ މަސައްކަތްތަކުގައި މާ ބުރަކޮށް އުޅެން ޖެހުމުން ކަމަށްވެ އެވެ.

"ހީރާ މަންޑީ"ގެ މިވަގުތު ކުރަމުންދާ މަސައްކަތަކީ ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތެވެ. އަދި މިހާތަނަށް އެނގިފައިވާ ގޮތުގައި މި ސީރީޒް އިން ފެނިގެން ދާ ތަރިންނަކީ ސޮނާކްޝީ ސިންހާ އާއި ހުމާ ގުރައިޝީ އެވެ. ބާކީ ތަރިންގެ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.