ކުރިއަށްއޮތް ބަންދު ދުވަސްތައް އައުމުގެ ކުރިން، ނައިބު ރައީސް ފައިސަލް ނަސީމް، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ އޮފިޝަލުންނާއި ބައްދަލުކުރައްވައި ކޮވިޑް-19 ގެ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައިފި އެވެ.

މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެޗްއީއޯސީގެ ބޭފުޅުން ވަނީ ރާއްޖޭގައި ކޮވިޑް-19 އާ ގުޅޭ ގޮތުން ހުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ނައިބު ރައީސަށް ތަފްސީލު ކޮށްދެއްވާފަ އެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދު މިހާރު ދަށްވެފައި އޮތުމުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުކަމުގައި ފާހަގަ ކުރައްވައިފަ އެވެ. ނަމަވެސް މި ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވާފަ އެވެ. އެގޮތުން މިހާރު އެތަންތަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބަލާފައި ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރުއަޅުއްވަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެޗްއީއޯސީއިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްޞީލުކޮށްދެއްވާފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިއުމުގެ މުހިންމުކަމަށާއި، މޮނިޓަރިންއަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް އެޗްއީއޯސީގެ ބޭފުޅުން ވަނީ ބާރުއަޅުއްވައި ވާހަކަ ދައްކަވައިފަ އެވެ.