ފުވައްމުލަކު ހޮސްޕިޓަލުގައި ޒުވާން އަންހެނެއްގެ ސިޒޭރިއަނެއް ހެދުމަށްފަހު ބެންޑޭޖު ބަނޑުތެރެއަށް ދޫކޮށްލުމުން ސީރިއަސް މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އުމުރުން 25 އަންހެން މީހާގެ އާއިލާގެ މީހަކު "ހުރިހާ"އާ ވާހަކަދައްކަމުން މިއަދު ބުނީ އެ އަންހެން މީހާގެ ބަނޑުތެރެއަށް ބެންޑޭޖް ދޫކޮށްލެވިފައި ވަނީ އެރަށު ހޮސްޕިޓަލުގައި މިދިޔަ އޭޕްރިލް 24 ވަނަ ދުވަހު ސިޒޭރިއަން ހެދުމުގެ ތެރޭގައި ކަމަށެވެ.

"ފުރަތަމަ އެ އޮޕަރޭޝަނަށްފަހު އެއްޗެއް ކާއިރަށް ބަނޑަށް ތަދުވާން ފެށީ. ދެން ހޮޑުލެވެނީ. ތަދުވާތީ ހޮސްޕިޓަލަށް ދިޔައިމަ އިންޖެކްޝަނެއް ޖަހާފައި ފޮނުވާލަނީ،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ އަންހެން މީހާ ބަނޑަށް ތަދުވާތީ ކެތްނުކުރެވިގެން އެންމެ ފަހުން ނިންމީ މާލެ އަންނަން ކަމަށެވެ. އަދި މާލެ އައިސް އައިޖީއެމްއެޗްގައި ރޭ ބޮޑު އޮޕަރޭޝަނެއް ގާތްގަނޑަކަށް ނުވަ ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށް އެ އަންހެން މީހާގެ ބަންޑުން ބެންޑޭޖް ނަގާފައިވާ ކަމަށް އެ މީހާ ބުންޏެވެ.

ރޭ 8:00 ގައި އެ އޮޕަރޭޝަނަށް ވެއްދުމަށް ފަހު އަންހެން މީހާ އޮޕަރޭޝަން ތިއޭޓަރުން ނެރުނީ ފަތިހު 5:30ގަ އެވެ.

"އޮޕަރޭޝަން ނިންމާފައި ޑޮކްޓަރުން ނުކުމެ ދެއްކީ ގޮރުގައި ތައްލާފައި އޮތް ބޭންޑޭޖްގަނޑެއް. އޭތި ނެގިއިރު ގޮހޮރުގައި ފާރުހެދި ފޫގޮސްގެން ގޮހޮރުގެ އެއްބައި ނަގަން ޖެހުނު،" އެ އަންހެން މީހާގެ އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ މީހާ ބުނީ އެ އޮޕަރޭޝަނަށް ފަހު އަންހެން މީހާ އަދިވެސް އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށެވެ.