ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ އުތުރުގައި ބިންގަނޑު ކަނޑައިގެންގޮސް ފެންބޮޑުވެ 194 މީހުން މަރުވެއްޖެ އެވެ.

މީގެތެރެއިން 180 މަރު ރެކޯޑްކުރެވިފައިވަނީ ޕާކިސްތާނުގެ ފަރުބަދަ މަތީ ސަރަހައްދެއް ކަމަށްވާ ޚައިބަރު ޕަޚްތުންޚްވާ ސަރަހައްދުންނެވެ. މިއާއެކު އުތުރުގެ ގިލްގިޓް-ބަލްޓިސްތާން ސަރަހައްދުން 5 މީހަކު އަދި، ކަޝްމީރުގެ ޕާކިސްތާނުގެ ސަރުުކާރުގެ ބާރު އޮންނަ ސަރަހައްދުން 9 މީހަކު މަރުވިކަމަށް ވަނީ ރެކޯޑް ކުރެވިފަ އެވެ.

މީހުންނަށް އެހީވާން ޕާކިސްތާނުގެ ސަރުކާރުން ފޮނުވި ހެލިކޮޕްޓަރެއް ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓި، އޭގެން ދަތުރުކުރި 5 މީހުން މަރުވެފަ އެވެ.

މި ކާރިސާގެ ސަބަބުން އެތައް ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު، ފަރުބަދަމަތީ ސަރަހައްދުތަކުން 1،300 މީހުން ވަނީ ހުސްކޮށްފަ އެވެ. މިހާތަނަށް މި ކާރިސާގައި 35 މީހުން ގެއްލުނު ކަމަށް ރިޕޯޓްކޮށްފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.