ބިގް ބޮސް ސީޒަން 14 ކާމިޔާބުކުރި ރުބީނާ ޑިލައިކް ބޮލީވުޑަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

އެގޮތުން "ޝަކްތީ"ގެ އެކްޓަރެސް ރުބީނާ ފުރަތަމަ ފެނިގެންދާ ބޮލީވުޑް ފިލްމަކީ "އާރްދު" އެވެ.

މިޔުޒިކް ކޮމްޕޯސަރު އަދި ލަވަކިޔުންތެރިޔާ ޕަލާޝް މުޗަލް ޑައިރެކްޓުކުރާ ފުރަތަމަ ފިލްމު "އާރްދު" އިން ރުބީނާގެ އިތުރުން ފެނިގެންދާނީ ބޮލީވުޑް ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ކޮމެޑިއަން ރާޖްޕަލް ޖާދަވް އާއި ހިތެން ތޭޖްވާނީ އެވެ.

މަގުބޫލް ލަވަކިޔުންތެރިޔާ ޕަލަކް މުޗަލްގެ ބޭބެ ޕަލާޝް ވަނީ ފިލްމު "ބޫތްނާތް ރިޓާންސް"އަށް މިޔުޒިކް ހަދާދީ އަދި " ކޭލޭން ހަމަ ޖީ ޖާން ސެ"ގައި އެކްޓް ވެސް ވަނީ ކޮށްފަ އެވެ.

ޓެލެވިޒަންގެ ދުނިޔޭގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓްރެސް އަދި ދާދި ފަހުން ބިގް ބޮސް ސީޒަން 14 ކާމިޔާބު ކޮށްފައިވާ ތަރި ރުބީނާ ޑިލައިކްގެ ފުރަތަމަ ބޮލީވުޑް ފިލްމަށް މި ފިލްމު ވެގެންދާއިރު ކިއުކީ ސާސްބީ ކަބީ ބަހޫތީގެ އެކްޓަ ހިތެން ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. މީގެ ތެރޭގައި ކަލަންކް ހިމެނެ އެވެ.

ރުބީނާ ވަނީ ބިގްބޮސް ސީޒަން 14އަށް ފަހު އޭނާގެ ސީރީޒް "ޝަކްތީ އަސްތިތްވާ ކީ އެހްސާސް ކީ"ގެ ޝޫޓިންގައި ބައިވެރިވެފަ އެވެ. ރުބީނާ ބިގްބޮސް އަށްފަހު އެތައް ލަވަޔަކުންވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ފިރިމީހާ އަބީނަވް އާއެކު ވެސް ލަވަޔަކުން ވަނީ ފެނިފައެވެ. ހިތެންވަނީ 2019ވަނަ އަހަރު ކަރަން ޖޯހަރުގެ "ކަލަންކް" ފިލްމުން ފެނިގެން ގޮސްފަ އެވެ.

ރާޖްޕަލް ދެން ފެނިގެންދާނީ ހަންގާމާ 2 އިންނެވެ.