އެމެރިކާގެ ބިލިއަނަރު އަދި އެމޭޒަންގެ ފައުންޑަރު ޖެފް ބެޒޯސް މިވަނީ ތާރީޚީ ދަތުރެއްގައި އިއްޔެ ޖައްވަށް ދަތުރުކޮށްފަ އެވެ. ބްލޫ އޮރިޖިންސްގެ ދަ ނއު ޝެޕްހާޑްގައި ކުރި މި ދަތުރުގައި ބައިވެރި ވެފައިވަނީ ހަތަރު ބައިވެރިންނެވެ.
ޖެފް ބެޒޯސް
އެމޭޒަންސްގެ ފައުންޑަރު ޖެފް ބެޒޯސްއަކީ މި ތާރީޚީ ދަތުރުކުރި ރޮކެޓް ޝިފް ކަމަށްވާ ދަ ނިއު ޝެޕްހާޑް ޑިޒައިން ކުރި ކުންފުނީގެ ވެސް ވެރިޔާ އެވެ. އެންމެ ކުޑައިރު ވެސް ޖައްވީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ބެޒޯސް މި ދަތުރުގައި ބައިވެރިވެފައި ވަނީ އެމޭޒަންގެ ސީއީއޯކަމުން އިސްތިއުފާ ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
މާކް ބެޒޯސް
މާކް ބޯޒޯސްއަކީ މި ދަތުރުގެ މޭސްތިރިޔާ ކަމަށްވާ ޖެފް ބެޒޯސްގެ ކޮއްކޮ އެވެ. މާކް ބުނި ގޮތުގައި ޖައްވަށް ކުރާ ދަތުރުގައި އޭނާގެ ބޭބެއާއެކު ބައިވެރިވާން ލިބުމަކީ ލިބުނު ފަޚުރެއް ކަމަށާއި މިއީ ބޭބެ ކުޑައިރުވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުން ކަމުގައި ބުނެފަ އެވެ.
ވެލީ ފަންކް
އުމުރުން 82 އަހަރުގެ ވެލީ ފަންކްއަކީ 1961 ވަނަ އަހަރު ބޭއްވުމަށް އޮތް މާކިއުރީ 13 ސްޕޭސް ޕްރޮގްރާމްގައި ބައިވެރިވި މަދު އަންހެން އެސްޓްރޮނޯޓުންގެ ތެރެއިން އެކަކެވެ. މި އުމުރުގައި ޖައްވަށް ގޮސް އޭނާ ވެފައި ވަނީ ޖައްވަށް ދަތުރުކުރި އެންމެ އުމުރުން ދުވަސްވީ މީހާ އަށެވެ.
އޮލިވާ ޑީމަން
އޮލިވާ ޑީމަންއަކީ މިހާތަނަށް ޖައްވަށް ދަތުރު ކުރި އެންމެ ހަގު ކުއްޖާ އެވެ. އުމުުރުން އެންމެ 18 އަހަރުގެ ޑީމަންއަކީ ފިޒިކްސް އާއި ޕައިލެޓްކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރެކެވެ. އޭނާއަށް މި ފުރުސަތު ލިބުނީ އެ ފްލައިޓުން ދަތުރު ކުރުމަށް ނީލަމުގައި އެންމެ ބޮޑު އަގެއް ހުށައެޅި މީހާއަށް ނުދެވޭ ގޮތް ވުމުންނެވެ.
ދަ ނިއު ޝެޕްހާޑްގެ މި ދަތުރު ތާރީޚީ ދަތުރަކަށް ވެފައިވަނީ މިހާތަނަށް ޖައްވަށް ދަތުރު ކުރި އެންމެ ދޮށީ މީހާ އާއި އެންމެ ހަގު ކުއްޖާ ވެސް އެ ދަތުރުގައި ބައިވެރިވެފައިވާތީ އެވެ.