ކޮވިޑް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އަންނަ މަސް ނިމުމުގެ ކުރިން ވެކްސިން އާބާދީގެ ބޮޑު ބަޔަކަށް ޖަހާ ނިންމުމަކީ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ ހަފްތާގައި ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިން ދެ ވަނަ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ފުރިހަމަ ކުރެވޭ ވަރަށް ވެކްސިން ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

"މިއީ ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް. ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، މާތް ﷲގެ އިރާދަފުޅާއެކު، ރާއްޖެއަށް ހުރީ ވެކްސިން ގެނެވިފައި، އެހެންކަމުން، މިފުރުސަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެއަށް ހުރީ ވެކްސިން ގެނެވިފައި، އެހެންކަމުން، މިފުރުޞަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑާއެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، އަޅުގަނޑުމެންގެ ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް ކަމަށެވެ. އަދި ގައުމުގެ އިގްތިސާދަށް އިތުރު ދިރުމެއް ގެނައުމަށް، ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު މިއަދު ހެނދުނު ގައުމާ މުހާތަބުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
"ސަރުކާރުން މަސައްކަތް މިކުރަނީ، ކޯވިޑްގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މިދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް".
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކޮވިޑާ ގުޅިގެން ކުރީގެ ސަފުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭގައި މިހާތަނަށް ދެވަނަ ޑޯޒް ޖަހާފައި ވަނީ 260،991 މީހުންނެވެ. ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 321،350 މީހުންނެވެ. ގިނަ ބަޔަކު ޖަހާފައި ވަނީ އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ.