ކްރީތީ ސަނޯންގެ އެންމެ ފަހުގެ ފިލްމް "މިމީ" ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހުގެ ހަތަރު ދުވަސްކުރިން ރިލީޒް ކޮށްފި އެވެ.
ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހުގެ ކުރިން މި ރިލީޒް ކުރަން މެދުވެރިވި ސަބަބަކީ އިންޓަނެޓްގައި ބަޔަކު މި ފިލްމް ލީކްކުމުންނެވެ. މި ފިލްމުގެ ޕައިރޭޓެޑް ވާޝަން ޓެލެގްރާމްގައި ލީކުކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ފިލްމު އަސްލު ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
ފިލްމު ރިލީޒްކުރާ މުއްދަތު މިހާ ކައިރިވެފައިވަނިކޮށް ފިލްމު ލީކުކޮށްލުމަކީ އާއްމުކަމެއް ނޫނެވެ. ސަލްމާން ޚާންގެ އެންމެ ފަހުން ނިކުތް ފިލްމު "ރާދޭ" ވެސް ވަނީ ރިލީޒް ކުރުމުގެ ކުރިން އިންޓަނެޓްގައި ލީކްވެފަ އެވެ. "މިމީ" ގެ ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ މި މައްސަލަ ޙައްލުކުރެވޭތޯ މަސައްކަތް ކުރަމުން ކަމަށް އެ ޓީމުން ބުނެ އެވެ.
ފިލްމު ލީކްވުމާއި ގުޅޭގޮތުން އިންސްޓަގްރާމް ލައިވެއްގައި ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖެން ބުނެފައި ވަނީ ފިލްމް އަވަހަށް ރިލީޒްވުމަކީ ފިލްމްގެ ލީޑް ރޯލް އިން ފެނިގެންދާ ކްރީތީއަށް ލިބެގެންދިޔަ އުފަންދުވަހުގެ ހަދިޔާ އެއް ކަމަށެވެ.
ދުވަސް ނުފުރާ ކުދިން ވެސް ދުނިޔެއަށް އަންނައިރު ރިލީޒްކުރަން ހަމަޖެހިފައިވާ ދުވަހުގެ ކުރިޔަށް ފިލްމެއް ރިލީޒް ކުރަން ޖެހުމަކީ ވެސް މައްސަލަ އެއް ނޫންކަމަށް ވެސް ދިނޭޝް ބުނެފައިވެ އެވެ. ކްރީތީގެ އުފަން ދުވަހަކީ 27 ޖުލައި އެވެ.
މިމީ" އަކީ 2011 ގައި ރިލީޒްކޮށް ނެޝަނަލް އެވޯޑް ވެސް ހޯދި މަރާޓީ ފިލްމު "މަލާ އާއީ ވަޗީ" ގެ ރީމޭކެކެވެ. "މިމީ" އަކީ މިހާތަނަށް ކްރީތީ ކުޅެފައިވާ އެންމެ ތަފާތު އެއް ފިލްމަށް ވާނެކަން ޔަގީނެވެ.
މި ފިލްމުގައި ކްރިތީ އަދާކުރާ ރޯލަށް ފިޓްވުމަށް އޭނާ ވަނީ 15 ކިލޯ ބަރުވެސްވެފަ އެވެ.