މުޖުތަމައުގެ ތެރޭގައި ކޮވިޑް ފެތުރި، އެބަލިން ރަނގަޅުވެފައިވާ މިންވަރު ދެނެގަންނަން މި ހަފުތާގެ ތެރޭގައި އެންޓިބޮޑީ ޓެސްޓް ހަދަން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ރޭ ވިދާޅުވީ އެންޓިބޮޑީ ޓެސްޓް ހެދުމަށް ބޭނުންވާ ހުއްދައާއި ސާމާނު މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ ޓެސްޓް ހުރިހާ އުމުރެއްގެ މީހުންގެ ވެސް ހަދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ އެންޓިބޮޑީ އެންމެ ފުރަތަމަ ޓެސްޓްކުރަން ނިންމާފައި ވަނީ ސްކޫލަށްދާ އުމުރުފުރައިގެ ކުދިންގެ ކަމަށެވެ. އަދި އެ ޓެސްޓް ހަދަން ފަށަން ބޭނުންވާ ސްޓަޑީ ޕްރޮޕޯސަލް ތައްޔާރުކޮށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ރިސާޗް ކޮމިޓީއަށް ހުށަހަޅައި އެ ޕްރޮޕޯސަލް ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރ. ނަޒްލާ ވިދާޅުވީ، މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 އަށް އެކްސްޕޯޒްވެފައިވާ މީހުންގެ އިންސައްތަ ދެނެގަތުމަށް ކުރިއަށްގެންދާ މި ސްޓަޑީއަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.

ކޮވިޑް-19 ގެ އެންޓިބޮޑީ ޓެސްޓަކީ ބަލީގެ ސަވައިލެންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫންކަމަށާއި އެއީ އާއްމުންގެ މެދުގައި ކޮވިޑްގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި އަންގާފަ އެވެ.

ހަށިގަނޑުގައި އެންޓިބޮޑީ ހުރުމަކީ ވައިރަސް ހުރެ އެއާ ދެކޮޅަށް ހަށިގަނޑު މަސައްކަތް ކޮށްފައި ވުމެވެ. އެއީ، ބަލީގެ އަލާމާތް ނުފެނި އަދި ބަލިޖެހިފައި ހުރިކަން ނޭނގި ރަނގަޅުވެފައި ތިބި މީހުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ އެންޓިބޮޑީ ޓެސްޓް ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަ ދެވޭނީ އެޗްޕީއޭއިން ހަމަޖައްސާ އުސޫލެއްގެ މަތިން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕީސީއާރު ޓެސްޓް މިހާރު ހަދަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކުގެ ލެބޯޓްރީތަކުގަ އާއި އެ ޓެސްޓް ހެދުމަށް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ލެބޯޓްރީތަކުގަ އެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، އެންޓިބޮޑީ ޓެސްޓް ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަދެވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސާ އުސޫލެއްގެ ތެރެއިންކަމަށެވެ. އަދި ރިސާޗް ބޭނުމަށް މިފަދަ ޓެސްޓު ހަދާނަމަ އެ މިނިސްޓްރީގެ ނެޝެނަލް ހެލްތު ރިސާރޗް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްދިއުމަށް ވެސް ވަނީ އަންގައިފަ އެވެ.

ކޮވިޑުން ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގައި އިސްވެ އުޅޭ 3،000 އަށް ވުރެ މީހުންގެ އެންޓި ބޮޑީ ޓެސްޓު ދާދި ފަހުން އޭޑީކޭ ހޮސްޕިޓަލްގައި ހަދައިފަ އެވެ. އޭގެ ތެރެއިން އެންޓި ބޮޑީ ހުރީ 125 މީހެއްގެ ހަށިގަނޑުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 49 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 33 ދިވެއްސަކާއި 16 ބިދޭސީއަކަށް އަލަށް ކޮވިޑް ޖެހިފައިވެ އެވެ. އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު 10،943 މީހަކަށް މިހާތަނަށް އެ ބަލި ޖެހިފައި ވެ އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވަނީ 43 މީހަކަށެވެ. އެކި ރަށްރަށާއި ރިސޯޓުތަކުން ހަ މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.