ކުއަލަލަމްޕޫރު (31 ޖުލައި) - މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ އިސްތިއުފާއަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ކުއަލަލަމްޕޫރުގެ ސިޓީ ސެންޓަރުގައި އެތައް ސަތޭކަ ބަޔަކު ސުލްހަވެރި މުޒާހަރާއެއް ކޮށްފި އެވެ.

މެލޭޝިއާގެ އިޖުތިމާއީ ޖަމާއަތަކުން އިސްވެ ކުރިއަށް ގެންދިޔަ މި މުޒާހަރާގެ ބައިވެރިން ވަނީ ކަޅު ހެދުމުގައި ކުއަލަލަމްޕޫރުގެ މައި މަގެއް ކަމަށްވާ މަރްދެކް ސްކޮއާއަށް އެއްވެ ޝުއޫރު ފާޅުކޮށްފަ އެވެ.

އެގޮތުން ބައެއް މީހުން ވަނީ ކޮވިޑް 19ގައި އެ ގައުމުން މަރުވަމުންދާ މީހުން ރަމްޒުކޮށްދިނުމުގެ ގޮތުން ކަފުން ކޮށްފައިވާ މީހެއް ސިފަވާ ގޮތަށް އެއްޗެއް ހަދައި މުޒާހަރާ ތެރޭގައި ބޭނުންކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އެ ގައުމުގެ ސަރުކާރުން ކޮވިޑާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔައި، އެ ގައުމުގައި މިފަހަކަށް އައިސް ކޮވިޑް ކޭސްތައް އިތުރުވެފައި ވަނީ ސަރުކާރުގެ ދޯދިޔާކަމުގެ ސަބަބުން ކަމަށް ބުނެ އަޑު އުފުލާފަ އެވެ.

މީގެ އިތުރުން ބޮޑުވަޒީރު މުހްޔިއްދީންގެ ސަރުކާރު ފެއިލްވެފައިވާ ކަމަށާއި މަޖިލީހުގެ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ބޭއްވުމަށް ވެސް މުޒާހަރާގައި ގޮވާލައިފައިވެ އެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވެފައިވާއިރު، އެ އިދާރާއިން ވަނީ ކޮވިޑްގެ ފިޔަވަޅުތަކާ ޚިލާފުވެ މުޒާހަރާ އިންތިޒާމް ކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

މެލޭޝިއާއިން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ އިއްޔެ ރެކޯޑް އަދަދަކަށް އިތުރުވެފަ އެވެ. އެގޮތުން 24 ގަޑިއިރު ތެރޭގައި އެގައުމުން 17،786 ކޮވިޑް ކޭސް ފެނިފައިވެ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް