ރާއްޖޭގެ އާބާދީ ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ މިހާރުގެ އާބާދީއަކީ 557،426 އެވެ.

އެ ބިއުރޯއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ އާބާދީގެ 40.8 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގަ އެވެ. އެއީ 227،486 މީހުންނެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ފިޔަވައި ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަނީ ކ. އަތޮޅުގަ އެވެ. އެއީ 41،382 މީހުންނެވެ. ރާއްޖޭގައި އަދިވެސް 10،000 މީހުން ހަމަނުވާ ހަތަރު އަތޮޅެއް އެބައޮތެވެ. އެއީ ވ.އަތޮޅާއި، މ.އަތޮޅާއި ފ.އަތޮޅު އަދި ފުވައްމުލަކެވެ.

އެ ބިއުރޯއިން އާއްމުކުރި ތަފާސްހިސާބުގެ އެޓްލަސްގައިވާ ގޮތުން ރާއްޖޭގެ އާބާދީ އެންމެ ކުޑަ އަތޮޅަކީ އަދިވެސް ވ.އަތޮޅު އެވެ. ގެ އަތޮޅުގެ ޖުމްލަ އާބާދީއަކީ 2،688 އެވެ. މ.އަތޮޅުގެ އާބާދީ 6،747 ގައި އުޅޭއިރު ފ. އަތޮޅުގެ އާބާދީއަކީ 5،941 އެވެ. އަދި ފުވައްމުލައް ސިޓީގެ އާބާދީއަކީ 9،873 އެވެ. އަދި 10 އަތޮޅެއްގެ އާބާދީ 10،000 އާއި 20،000 އާ ދެމެދު ހުރި އިރު، އާބާދީގައި 20،000 އާއި 30،000އާ ދެމެދުގެ މީހުން އުޅެނީ ފަސް އަތޮޅެއްގަ އެވެ.

އެ ބިއުރޯއިން ބުނީ ހދ. އަތޮޅަކީ މީހުން ދިރިއުޅޭ ރަށްރަށުގެ ޖުމްލަ ބިމުގެ ބޮޑުމިނުން ބަލާއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މުޅި ރާއްޖޭގައި ހުރީ ރީޖަނަލް ހަ ހޮސްޕިޓަލެވެ. އަދި 14 ވައިގެ ބަނދަރު މުޅި ރާއްޖޭގައި އެބައޮތެވެ. މީގެ އިތުރުން ފަސް ސަރަހައްދެއްގައި ޔުނިވާސިޓީ ކެމްޕަސްތައް ހުރިކަމަށް އެ ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެންމެފަހުން 2014 ވަނަ އަހަރު ނެގި ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ އާބާދީއަކީ 402،071 މީހުންނެވެ.