ހިނގުމަކީ ސިއްހަތަށް ފައިދާހުރި ކަމެއްކަން އަހަރެމެންގެ ތެރެއިން އެކަކަށް ވެސް ސިއްރުވެފައެއް ނެތެވެ. ނަމަވެސް އުޅެން ޖެހޭ ބުރަ ދިރިއުޅުމާއެކު މިކަމަށް އޮންނަނީ ގިނަފަހަރަށް ވަގުތު ނުދެވިފަ އެވެ.

އެފަދަ މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ހިނގުމުގެ ފައިދާތައް ލިބިގަތުމަށްޓަކައި މާގިނަ ވަގުތުތަކެއް އެކަމަށް ހުސްކުރާކަށް ނުޖެހެ އެވެ. ދުވާލަކު އެންމެ 15 މިނެޓު ވަންދެން ހިނގާލުމުން ވެސް ހަށިގަނޑަށް ސިއްހީ ގިނަ ފައިދާތަކެއް ލިބެ އެވެ.

ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސް ކޮށްދޭ

ދުވާލަކު 15 މިނެޓް ހިނގާލައިފި ނަމަވެސް ބަރުދަން ލުއިކުރުމަށް ބޭނުންވާ މެޓަބޮލިޒަމް ރޭޓު ހަށިގަނޑުގައި އުފެދޭ މިންވަރު އިތުރުކޮށްދެ އެވެ. ނަތީޖާއަކަށް ވަނީ އަވަހަށް ބަރުދަން ލުއިވުމެވެ.

އުމުރު ދިގުކޮށްދޭ

ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ވެސް ކުޑަ ވަގުތު ކޮޅަކު ބާރަށް ހިނގުމަކީ އެމީހާގެ އުމުރު ދިގުކޮށްދޭ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް މަދުވެގެން 15 މިނެޓަށް ހިނގޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.

ހަށިގަނޑުގައި ހުންނަ ތަދުތައް ފިލުވައިދޭ

ގަވާއިދުން ހިނގުމަކީ އުނަގަނޑުގައި ރިއްސުމާއި ހުޅުތަކުގައި ހުންނަ ރިހުންތަކަށް ލުޔެއް ގެނެސްދޭ ކަމެއް ކަމަށް ދިރާސާތަކުން ހޯދިފައިވެ އެވެ. އެހެންކަމުން ކަންނެތްކަން ފިލުވާލައި ކޮންމެ ދުވަހަކު ވެސް މަދުވެގެން 15 މިނެޓް ހިނގާލުމުން ހަށިގަނޑުގައި ހުންނަ އެކިކަހަލަ ތަދުތައް ކެނޑި، ފަސޭހަކަން އިހުސާސްވާން ފަށަ އެވެ.