ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތު ކުރެވޭ ހިއުމަން ޓްރެފިކިން މައްސަލައިގައި ދައުވާކޮށްފި އެވެ.
މިމައްސަލައިގައި ރިޒާގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވާއިރު ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާން އަދި ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރުގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.
ޕީޖީ އޮފީހުން ބުނީ ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްތަކާ ރިޒާގެ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުވެ، އެ މަސައްކަތް ކުރުމަށް މީހުން ޓްރެފިކްކޮށް ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ މީހުންނަށް މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލި މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، އަދި ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް އެ މީހުންނަށް މަޖުބޫރުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީ އާއި މަސައްކަތްތެރިންގެ ހައްގުތަކާ ގުޅިފައިވާ އެހެން ފީ އާއި ފައިސާ ނުދައްކައި އެ މީހުންގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.
ބޮޑުފިނޮޅުގައި ބިދޭސީންތަކެއްލައްވާ މަސައްކަތްކުރުމަށްފަހު ފައިސާ ނުދީގެން އެމައްސަލަ ބޮޑުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. މިމައްސަލަ ފުލުހުން ތަހުގީގުކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ގިނަ ދުވަސްތަކަކަށްފަހު މި މައްސަލަ ޕީޖީން ކޯޓަށް ވައްދާފައިވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވުމުންނެވެ.