ކިއާރާ އަދްވާނީ އާއި ސިދާތް މަލޯތްރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ހަބަރުތައް މީޑިއާތަކުގައި މިހާރަކަށް އައިސް ދަނީ ރިޕޯޓް ކުރަމުންނެވެ. ނަމަވެސް މިއީ ހަގީގަތެއް ނުވާ ވާހަކައެއް ކަމަށާއި ސިދާތްއަކީ ހަމައެކަނި ގާތް ރަހްމަތްތެރިއެއް ކަމަށް ކިއާރާ މިވަނީ ބުނެފަ އެވެ.

އިންޑިޔާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކިއާރާ ބުނެފައިވާ ގޮތުގައި ކޯ ސްޓާރެއެއްގެ ގޮތުގައި ސިދާތްއަކީ މަސައްކަތަށް ވަރަށް ފަރުވާތެރި މީހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެގޮތުން ފިލްމަކަށް ތައްޔާރުވުމަށް ވަރަށް ގިނައިން ލިޔުންތައް ކިޔައި ވަރަށް ދުރާލާ އެކަމަށް ސިދާތް ތައްޔާރުވާ ކަމަށް ކިއާރާ ފާހަގަ ކުރި އެވެ. އަދި އެއީ ފިލްމުތަކަށް ތައްޔާރުވުމަށް އޭނާ ވެސް މަސައްކަތްކުރާ ގޮތް ކަމަށް ކިއާރާ ވަނީ ބުނެފަ އެވެ.

ހަމަ މިއާއެކު ކިއާރާ ވަނީ ސިދާތްއަކީ ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ގާތް ރަހްމަތްތެރިއާގެ ގޮތުގައި ސިދާތް ސިފަކޮށްފަ އެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ދާދި ފަހުން ކިއާރާގެ އުފަންދުވަހު ގާތް ރަހްމަތްތެރިންނާއި އާއިލާގެ މީހުންނަށް ބޭއްވި ހަފްލާގައި ވެސް ސިދާތް ވަނީ ބައިވެރިވެފަ އެވެ.

https://www.youtube.com/watch?v=Q0FTXnefVBA

މި ދެ ފަންނާނުން އެކުގައި ފެނިގެންދާ ފިލްމް "ޝޭރްޝާހް" ގެ ޕްރޮމޯޝަން އިވެންޓެއްގައި ފިލްމުގެ ޑައިރެކްޓަރު ވިޝްނޫ ވަރްދަން ބުނިގޮތުގައި މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަކަމުގެ އަޑުތައް ފެތުރެމުންދިޔަ ނަމަވެސް އޭނާއަށް މި ދެތަރިން ފެންނަނީ ފިލްމުގެ ކެރެކްޓަރުގެ ގޮތުގަ އެވެ.

ހަގީގީ ދިރިއުޅުމުގައި މި ދެ ފަންނާނުން ގެ ދެމެދު ކޮންމެ ގުޅުމެއް އޮތްކަމަށް ވިޔަސް އޭގެ ސަބަބުން ފިލްމަށް ކުރާނެ ފައިދާއެއް ނެތް ކަމަށް ވެސް ޑައިރެކްޓަރު ވިޝްނޫ ވަނީ ބުނެފަ އެވެ.

ޝޭރް ޝާހް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯގަ އެވެ.