"މަވެސް ޕީޕީއެމް"ގެ ނަމުގައި ތާއީދު އިތުރުކުރަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަތޮޅުތެރެއަށް މިއަދު ދަތުރުތައް ފަށައިފި އެވެ.

މިދަތުރުގެ ތެރެއިން، ޕީޕީއެމް/ ޕީއެންސީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމެއް މިއަދު ވަނީ ހއ. އަތޮޅަށް ދަތުރުތަކެއް ފަށާފަ އެވެ. މިއަދު ހއ. އަށް ފުރި ވަފުދުގައި އިސްކޮށް ހުންނެވީ ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެވެ.

މި ދަތުރުގައި ސުޖާއުގެ އިތުރުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ އާއި، ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވެސް ބައިވެރިވަޑައިގަންނަވަ އެވެ.

ހއ. އަތޮޅުގެ ގިނަ ރަށްރަށުގެ ކައުންސިލްގައި ޕީޕީއެމްގެ މެޖޯރިޓީ އޮތްއިރު، އެ ރަށްރަށުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނާއި ތަރައްގީގެ ޕްލޭންތައް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރުން ވެސް އޮންނާނެ ކަމަށް ޕީޕީއެމްއިން ބުންޏެވެ.

މި މަހުގެ 7 އިން 14 އަށް ހއ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު ދެކުނު އަތޮޅުތަކަށް ވެސް ދަތުރުކުރުމަށް ޕީޕީއެމް އިން ވަނީ ނިންމާފަ އެވެ.

މިގޮތުން ގއ. އަދި ގދ. އަށް އެ ޕާޓީގެ ވަފުދެއް ވަރަށް އަވަހަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"މަވެސް ޕީޕީއެމް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގެ ދަށުން ޕީޕީއެމް އަދި ޕީއެންސީން ފަށާފައިވާ ދަތުރުތަކުގެ ބޭނުމަކީ އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި، 2023 ވަނަ އަހަރަށް ޕާޓީގެ މެނިފެސްޓޯ އެކުލަވާލަން ރައްޔިތުންގެ ހިޔާލު ހޯދުން ކަމަށް މީގެ ކުރިން އެ ޕާޓީއިން ބުންޏެވެ.