"މިޝަން މަޖްނޫ"އަކީ ސިދާތް މަލޯތްރާ އަދި ރަޝްމިކާ މަންޑަންނާ ލީޑު ރޯލުން ފެނިގެންދާނެ ފިލްމެކެވެ.

މިފިލްމުގެ ވާހަކަތައް މީޑިއާގައި ރިޕޯޓް ކުރީއްސުރެ އާންމުން އަންނަނީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ސިދާތް އާއި ރަޝްމިކާގެ ސަޕޯޓަރުންނެވެ.

އެގޮތުން ސިދާތް މަލޯތްރާ މިހާރު މިވަނީ ފިލްމާއި ގުޅޭ ބައެއް މުހިއްމު ވާހަކަތައް މީޑިއާ އާ ހިއްސާކޮށްފަ އެވެ. ސިދާތް ބުނީ "މިޝަން މަޖްނޫ"ގެ ޝޫޓިންތައް މިހާރު ވެސް ކުރިޔަށް ގެންދާ ކަމަށާއި ފިލްމުގެ ޝޫޓިންތައް އަދި ނުނިމޭ ކަމަށެވެ.

މި ފިލްމަކީ ސްޕައި ތްރިލާއެއް ކަމަށާއި ފިލްމުގެ މުހިއްމު ގިނަ މަންޒަރުތަކެއް ނަގާފައި ވަނީ އިންޑިއާގެ ލަކްނޯގައި ކަމަށް ވެސް ސިދާތް މަލޯތްރާ ވަނީ ބުނެފަ އެވެ. އަދި މުމްބާއީގައި ވެސް މި ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގަން ހަމަޖެހިފައިވާ ކަމަށް ސިދާތް ވަނީ ބުނެފަ އެވެ.

މުމްބާއީގައި ނަގަން ޖެހޭ މި ފިލްމުގެ މަންޒަރުތައް ނަގަން ފަށާނީ ސިދާތް މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ޝޭރްޝާހް"ގެ މަސައްކަތްތައް ނިމުމުންނެވެ.

ސިދާތް އިތުރަށް ބުނީ ކޮވިޑްގެ ސަބަބުން މިހާރު އިންޑިޔާ މިއޮތް ހާލަތުގައި ހުރިހާ މަސައްކަތްތަކެއް ވެސް ކުރެވެނީ މަޑުމަޑުން ކަމަށާއި މިހެންކަމުން މިއަހަރުގެ ތެރޭގައި ފިލްމު ރިލީޒްކުރުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ.