ފުލުހުންގެ އިދާރާއަކީ ސިޔާސީ ގޮތުން ކުޅެން ޖެހޭ ތަނެއް ނޫން ކަމަށް ކުޜީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުއްޖެ އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ފުލުހުންގެ އިސް އޮފިޝަރުންތަކެއް މަގާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމާފައިވާތީ އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އެވެ.
ޝަހީމް ކުރެއްވި ޓުވީޓްގައި އިތުރަށް ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ އިސް އޮފިޝަރުންތަކެއް ވަކިކުރުމަށް ނިންމުމަކީ އިސްލާހެއް ނޫން ކަމަށެވެ. އަދި ތަނުގައި ތިބި ތަޖުރިބާހުރި ފަރާތްތައް ވަކި ކުރުމަކީ އެއިދާރާއަށް ދެވޭ އެންމެ ބޮޑު ގެއްލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ތަނުގައި ތިބި އެންމެ ތަޖުރިބާހުރި ފަރާތްތައް ވަކި ކޮށްލުމަކީ މުއައްސަސާއަށް ދެވޭނެ އެންމެބޮޑު ގެއްލުން،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ފުލުހުންގެ އާގާނޫނުގެ ދަށުން ފުލުހުންގެ ބޯޑުން ފުލުހުންގެ އިސް ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.