ބޮލީވުޑްގެ މަޝްހޫރު ތަރި ރިޝީ ކަޕޫރުގެ އެންމެ ފަހު ކުޅުނު ފިލްމު އޭނާގެ އުފަންދުވަހު ނެރުމަށް ނިންމައިފި އެވެ.

"ޝަރްމާޖީ ނަމްކީން" އަކީ ރިޝީ ކަޕޫރު މަރުވުމުގެ ކުރިން އެންމެ ފަހުން ކުޅެފައިވާ ފިލްމެވެ. ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރިޝީ ކަޕޫރު މަރުވެފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް 30 ވަނަ ދުވަހު އެވެ.

ފިލްމުގެ އަންހެން ލީޑް ރޯލުން ފެނިގެންދާ ތަރި ޖޫހީ ޗައުލާ ބުނިގޮތުގައި މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ ރިޝީ ކަޕޫރުގެ 69 ވަނަ އުފަންދުވަހު އެވެ. އެއީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ފިލްމާ ގުޅޭގޮތުން ޖޫހީ އިތުރަށް ބުނިގޮތުގައި "ޝަރްމާޖީ ނަމްކީން" އަކީ މިހާތަނަށް ލިބުނު އެންމެ ހެއްވާ މަޖާ ސްކްރިޕްޓެވެ. އަދި މި ފިލްމުގައި ރިޝީ ކަޕޫރު އަދާކޮށްފައިވާ ރޯލަކީ އޭނާގެ އަސްލު ތަބީއަތާ ވަރަށް ގުޅުން ހުރި ފިލްމެއްކަމަށް ވެސް ޖޫހީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޖޫހީ ޗައުލާ ވަނީ ފިލްމްގެ ރިލީޒިން އާ ގުޅިގެން ރިޝީ ކަޕޫރުގެ ހަނދާންތައް އާކޮށްފަ އެވެ. އެގޮތުން ލޯ މަރާލިޔަސް ފެންނަނީ ފިލްމުގެ ޑައިލޮގްތައް ރިޝީ ކިޔާ މަންޒަރު ކަމަށާއި އެ ފިލްމުގެ ޝޫޓިންތައް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުތެރޭގައި ކަމާއި އެ ދޭތެރެއިން ނެގި ބްރޭކެއްގެ ތެރޭގައި ރިޝީގެ ހާލަތު ގޯސްވީ ކަމަށް ޖޫހީ ވަނީ ބުނެފަ އެވެ.