ސައުތު ކޮރެއާއަށް ނިސްބަތްވާ މިއުޒިކް ގުރޫޕް ބީޓީއެސްއަކީ އާންމުންގެ މެދުގައި އަބަދުވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގުރޫޕެކެވެ. މި މީހުންގެ ކޮންމެ ލަވައަކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދެ އެވެ.

ބީޓީއެސް ގުރޫޕަކީ އަބަދުވެސް ވަރަށް ކާމިޔާބު ގުރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.

މިފަހަރު ވެސް މިވަނީ ބީޓީއެސްއަށް ކާމީޔާބީއެއް ލިބިފަ އެވެ. އެގޮތުން ބީޓީއެސް ވަނީ އެމްޓީވީ މިއުޒިކް އެވޯޑްސްގެ ފަސް އެވޯޑަކަށް ނޮމިނޭޓް ވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ "ޑައިނަމައިޓް"ގެ އެއް ނޮމިނޭޝަން އާއި "ބަޓާ"ގެ ހަތަރު ނޮމިނޭޝަން އެވެ. މި ނޮމިނޭޝަންސްތަކުގެ ތެރޭގައި ބެސްޓް ޕޮޕް، ބެސްޓް ކޭ ޕޮޕް، ބެސްޓް ކޮރިއޮގްރަފީ އަދި ބެސްޓް އެޑިޓިން ހިމެނެ އެވެ.

https://www.youtube.com/watch?v=WMweEpGlu_U

މި ނޮމިނޭޝަންސްތަކާއެކު ބީޓީއެސް މިވަނީ ބިލީ އެއިލިޝް، ޑޯޖާ ކެޓް، ޑްރޭކް އަދި އޮލީވިއާ ރޮޑްރިގޯ ފަދަ ތަރިންނާއެއް ސަފެއްގައި ހިމެނިފަ އެވެ. މި ތަރިން ވެސް ވަނީ އެމްޓީވީ މިއުޒިކް އެވޯޑްސްގެ ފަސް އެވޯޑަކަށް ނޮމިނޭޓްވެފަ އެވެ.

މި ހަބަރާއެކު ބީޓީއެސްގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އުފާފާޅު ކުރަމުންނެވެ. މިއީ ގިނަ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް ކަމަށް ވިޔަސް ބީޓީއެސްގެ ބައެއް ސަޕޯޓަރުން އަންނަނީ "އާޓިސްޓް އޮފް ދަ އިޔާ" ގެ އެވޯޑަށް ބީޓީއެސް ނޮމިނޭޓްވެފައި ނުވުމުން އެކަމުގެ ހިތާމަ ވެސް ފަޅުކުރަމުންނެވެ.