ސަމީރް ނެއިރް އެޕްލޯސް އެންޓަޓެއިންމަންޓް އާއި ބަނީޖޭ އޭޝިއާ ގުޅިގެން މަޝްހޫރު ފްރެންޗް ސީރީޒް "ކޯލް މައި އޭޖެންޓް"ގެ އިންޑިއާ ވާޝަން ނެރުމަށް ތައްޔާރުވެއްޖެ އެވެ.

މި ސީރީޒްގެ ޝޫޓިންތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފަށައި، މިއަހަރު ކުރީކޮޅު ވަނީ ނިންމާލައިފައި އެވެ. މިހާރު ކުރިޔަށް ދަނީ މި ސީރީޒްގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

އިންޑިއާގެ މީޑިއާއަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި "ކޯލް މައި އޭޖެންޓް"ގެ އިންޑިއަން އެޑަޕްޓޭޝަންގެ ސްޓްރީމިން ރައިޓްސް ވަނީ ނެޓްފްލިކްސްއިން ގަނެފަ އެވެ.

ޖުމްލަ ހަ އެޕިސޯޑްގެ މައްޗަށް އުފައްދާފައިވާ މި ސީރީޒް އަންނަ އަހަރު ކުރީކޮޅު ސްޓްރީމްކުރަން ފަށާނެ ކަމަށް ބެލެވެ އެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ސީރީޒްގެ އޮރިޖިނަލް ފްރެންޗް ޑްރާމާ ހަތަރު ސީޒަންއަކަށް ބަހާލައިގެން 2015-2020 އާ ދެމެދު ސްޓްރީމް ކޮށްފައި ވެސް ވަނީ ނެޓްފްލިކްސްއިންނެވެ.

"ކޯލް މައި އޭޖެންޓް"ގައި ދައްކުވައިދޭނީ މަސައްކަތުގެ މާހައުލުގައި ފިލްމް އިންޑަސްޓްރީގެ ޓެލެންޓެޑް މެނޭޖަރުންގެ މެދުގައި ކުރިޔަށްދާ ކޮމެޑީ އެވެ. މި ސީރީޒްގެ ލީޑްރޯލުތަކުން ފެނިގެންދާނެ ތަރިންގެ ތެރޭގައި ސޯނީ ރަޒްދާން، ރަޖަތް ކަޕޫރް، އަހާނާ ކުމްރާ، އަޔުޝް މެހެރާ، ރާދިކާ ސޭތް އަދި ސުޗިތްރާ ޕިލާއީ ހިމެނެ އެވެ.

މީގެ އިތުރުން މި ސީރީޒްއިން ދިއާ މިރްޒާ، އަލީ ފަޒަލް، ރިޗާ ޗައްޑާ، ޖެކީ ޝްރޯފް، ލާރާ ދުއްތާ، ޝުރްތީ އަދި ފަރަހް ޚާން ފަދަ މަޝްހޫރު ބޮލީވުޑް ފަންނާނުން ވެސް ފެނިގެންދާނެ އެވެ.