ކުއަލަލަމްޕޫރު ( އޮގަސްޓް 16) - ޕާލަމެންޓްގެ މެޖޯރިޓީ ގެއްލުމުން މެލޭޝިއާގެ ބޮޑުވަޒީރުކަމުން މުހުޔިއްދީން ޔާސީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މުހުޔިއްދީން 17 މަސް ފަހުން މަގާމުން އިސްތިއުފާ ދެއްވިއިރު މެލޭޝިއާގެ ވެރިކަމާ އަލަށް ހަވާލުވާނެ މީހަކު އަދި ކަނޑައަޅާފައެއް ނުވެ އެވެ. މިއީ މެލޭޝިއާގެ ތާރީހުގައި އެންމެ ކުރު މުއްދަތެއްގައި ވެރިކަން ކުރެއްވި ލީޑަރެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމުން މުހުޔިއްދީން މަގާމުން އިސްތިއުފާ ދެއްވިއިރު ކޮވިޑް -19 އާ ގުޅިގެން އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ މުސްލިމު މެޖޯރިޓީ ގައުމުގެ ރަސްގެފާނު އަލް ސުލްތާން އަބްދުއްލާ ވަނީ މުހުޔިއްދީން ވަގުތީ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރައްވައިފަ އެވެ. ނަމަވެސް އޭނާ އެ މަގާމަށް ހަމަޖެއްސެވީ ކިހާ މުއްދަތަކަށް ކަމެއް ރިޔާސީ ގަނޑުވަރުން ހާމައެއް ނުކުރެ އެވެ. އަދި ވަގުތީ ބޮޑުވަޒީރަކަށް މުހުޔިއްދީން ހަމަޖެއްސެވީ ގާނޫނު އަސާސީގެ ދަށުން ރަސްގެފާނަށް ލިބިދޭ ބާރުގެ ދަށުން އިންތިހާބެއް ބޭއްވެން ދެން ކަމަށް ވެސް ގަނޑުވަރުން ބުންޏެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމުން މުހުޔިއްދީނާއެކު މުޅި ކެބިނެޓް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މުހުޔިއްދީންގެ ސަރުކާރު އިސްތިއުފާ ދެއްވުމުން އަލުން އެ ގައުމުގެ ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާނެ ލީޑަރު އަދި ކަނޑައެއް ނޭޅެ އެވެ. އެއީ އެއްވެސް ޕާޓީއަކަށް މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ނެތުމުންނެވެ. -- ރޮއިޓާސް