ކޮވިޑް -19ގެ ވެކްސިންއާމެދު މުޖުތަމައުގައި ޚިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައި ވެކްސިންގެ ތާރީޚަށް ބަލާލުމަކީ ރަނގަޅު ކަމެކެވެ. މާޒީގައި ވެކްސިންގެ ފަރުވާ ބޭނުންކުރި ހާލަތްތަކާއި އެކަމުން ނެރެވުނު ނަތީޖާތަކަށް އަލި އަޅުވާލުމަކީ މުހިއްމު ކަމެެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ވެކްސިންގެ ފަރުވާއާއެކު ދުނިޔެއިން ކޮންޓްރޯލް ކުރެވުނު ބައެއް ބަލިތަކަށެވެ.

ޕޯލިއޯ

ޕޯލިއޯ ވައިރަސްގެ ސަބަބުން އިންސާނާގެ ސިކުނޑިއާއި މައިބަދައިގެ ބާރުކަނޑުވާލައި ޕެރެލައިޒުވުމަށް މަގުފަހިކުރުވާ ބައްޔެކެވެ. މި ބަލިމަޑުކަން ދުނިޔޭގެ ދެ ގައުމަކުން ފިޔަަވައި އެހެން ހުރިހާ ގައުމަކުން ވަނީ ނައްތާލެވިފަ އެވެ. އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ވެކްސިން ޕްރޮގްރާމް މަޑުޖެހިފައިވުމުން އެ ދެ ގައުމުގައި އަދިވެސް މި ބަލި ފެނެ އެވެ.

މީސަލްސް

ހަލުވިކަމާއެކު ގައިންގަޔަށް އަރާ މީސަލްސްއަކީ ފުރާނަށް ނުރައްކާވާ ފަދަ ހާލަތްތައް ކަމަށްވާ ނިއުމޯނިއާއާއި ސިކުނޑީގެ އިންފެކްޝަނަށް މަގުފަހިކުރުވާ ބައްޔެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މިއަދުވެސް މި ބަލި ފެނުނު ނަމަވެސް ވެކްސިންއާއެކު ބަލި ފެންނަ މިންވަރު ވަނީ ނިސްބަތުން ދަށަށް ގޮސްފަ އެވެ.

ރުބެއްލާ

ރުބެއްލާ ނުވަތަ ޖާމަން މީސަލްސްއަކީ ވައިރަސްއަކުން ފެތުރޭ ގައިންގައިން އަރާ ބައްޔެކެވެ. މާބަނޑުއިރު ރުބެއްލާ ޖެހޭ އަންހެނުންގެ ދަރިންނަށް މި ބަލީގެ ނުރައްކާ ބޮޑުއިރު، ވެކްސިންގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ މި ބަލިމަޑުކަން އެއްކޮށް ނައްތާލެވިފަ އެވެ.

ކޮލެރާ

1970ގެ އަހަރުތަކުގައި ރާއްޖޭގައި ވެސް ހަލުވި ކަމާއެކު ފެތުރުނު ކޮލެރާ ބަލީގައި މުޅި ދުނިޔެއިން އެތައް ހާސްބަޔަކު މަރުވި އެވެ. ނަމަވެސް މި ބައްޔާ ދެކޮޅަށް އުފެއްދި ވެކްސިނާއެކު ގިނަ ގައުމުތަކަކުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ކޮލެރާ އެއްކޮށް ނައްތާލެވިފަ އެވެ.

ފާނަބަސަންދު

ހިރުވާ ފޮޅުތަކެއް ގައިގެ އެކި ހިސާބުތަކުގައި ނަގާ މި ބައްޔަކީ ހަލުވިކަމާއެކު ގައިން ގަޔަށް އަރާ ބައްޔެކެވެ. އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)އިން ބުނިގޮތުގައި މި ބަލީގެ ވެކްސިންގެ ސަބަބުން އަހަރެއްގެ މައްޗަށް 3.5 މިލިއަން މީހުން ބަލި ޖެހުމުން ސަލާމަތްވެ 9،000 ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެނދުމަތިވުމުން ދުރުކޮށްދެ އެވެ.