ދުނިޔޭގައި އެކި މީހުން ކުރިއަރަނީ އެކި ކަންކަމުންނެވެ. އެކި މީހުންގެ ހުނަރުތައް ވެސް ތަފާތެވެ. މިފަހަރު މިއޮތީ ވަރަށް ތަފާތު ހުނަރަކާއެކު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދި މީހެއްގެ ވާހަކަ އެވެ.

ޔޫޓިއުބަރެއް ކަމަށްވާ އެރިކް ބެޑްލޭންޑްސް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދީ 20 ސިކުންތުގެ ތެރޭގައި ދެ ލީޓަރުގެ ސޯޑާ ފުޅިއެއް އެއްކޮށް ބޮއެ ހުސްކޮށްގެންނެވެ.

ދުނިޔޭގެ ރެކޯޑު ފޮތުގެ ޔޫޓިއުބް ޗެނަލްގައި އާއްމުކުރި އެ ވީޑިއޯގައި ޝުގާ ފްރީ ކޯލާ ފުޅިއެއް 18.45 ސިިކުންތުގެ ތެރޭގައި ބޮއި ހުސްކުރުމުގެ ކުރިން އެއީ ދެ ލީޓަރުތޯ ޔަގީންކުރުމަށް މެޝަރިން ޖަގަކުން މިނާ މަންޒަރު ފެނެ އެވެ.

https://www.youtube.com/watch?v=2Y9o6QNCViM

ތިން މިލިއަން މީހުން ސަބްސްކްރައިބް ކޮށްފައިވާ އެރިކްގެ ޔޫޓިއުބް ޗެނަލުގައި އޭނާ ވަނީ މީގެ ކުރިން ވެސް ކެއުމުގެ ޗެލެންޖުތަކެއް ފުރިހަމަ ކޮށްފަ އެވެ. މީގެ އިތުރުން އޭނާއަކީ ކެއުމުގެ ވާދަވެރި މުބާރާތްތަކުން 23 ވަނަ ރޭންކިންގައި ލިސްޓު ކުރެވިފައިވާ މީހާ އެވެ.

އެރިކް މި ރެކޯޑު ގާއިމުކުރީ މިއަހަރުގެ މެއި މަހުގައި ކަމަށް ވިޔަސް ދުނިޔޭގެ ރެކޯޑު ފޮތުން އެކަން ފާހަގަ ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ މިފަދަ ކަންކަމުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ. އެގޮތުން 3.66 ސިކުންތުން ކޮފީ ތަށްޓެއް ހުސްކޮށްގެން އިނގިރޭސި ރައްޔިތަކު ވަނީ 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފަ އެވެ.