ކާބުލް (17 އާގަސްޓް) - ތާލިބާނުންގެ ހަރުކަށި ވެރިކަމުން ސަލާމަތްވުމަށް އަފްޣާނިސްތާނު ދޫކޮށް ދާން އުޅުނު މީހަކު އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުގެ ފުރޮޅު ތެރޭގައި ތާށިވެ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މި މީހާގެ ހަށިގަނޑު ފެނިފައި ވަނީ ކާބުލްގެ ހާމިދު ކަރްޒާއީ އެއާޕޯޓުން އެ މަތިންދާ ބޯޓު ފުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. މި ކަމުގެ ސަބަބުން އެ އުޅަނދު މިވަގުތަށް ބޭނުންކުރުން މެދުކަނޑާލަން ޖެހިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މިއީ ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރުގެ މައްޗަށް އަތްގަދަކުރުމުގެ ފަހުން އަފްޣާނިސްތާން ދޫކޮށް ދާން މަސައްކަތް ކުރި މީހުންނަށް ލިބުނު އަނިޔާތަކުގެ ތެރެއިން އެންމެ ފަހުން ހިނގި ހާދިސާ އެވެ.

މީގެ ކުރިން އެމެރިކާގެ މަތިންދާ ބޯޓެއްގެ ބޭރުގައި އެލިގަނެގެން ގައުމު ދޫކޮށް ދާން އުޅުނު ބަޔަކު ވަނީ ވައިގެ ތެރެއިން ބިމަށް ވެއްޓި މަރުވެފަ އެވެ.

ތާލިބާނުން ވެރިކަމަށް އިސްވުމާއެކު އަފްޣާނިސްތާނުގެ ގިނަ ރައްޔިތުންތަކެއް ދަނީ އެ ޖަމާއަތުގެ އަނިޔާވެރި ވެރިކަމުން ސަލާމަތްވުމަށް ގައުމު ދޫކޮށްދާން މަސައްކަތް ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވަނީ އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު ކުރަމުން އައި އަސްކަރީ ވައިގެ ދަތުރުތައް މެދުކަނޑާލާފަ އެވެ.

މި ހާދިސާގެ އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމެއް އެމެރިކާގެ އިދާރާތަކުން ޔަގީން ކޮށްދީފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ