ކުއަލަ ލަމްޕޫރު (20 އޮގަސްޓް) - ގިނަ ދުވަސްތަކެއްގެ ސިޔާސީ ހަމަނުޖެހުންތަކަކަށްފަހު މެލޭޝިއާގެ އާ ބޮޑުވަޒީރަކަށް އިސްމާއިލް ސަބްރީ ޔައުގޫބް މިއަދު އައްޔަންކޮށްފި އެވެ.

މެލޭޝިއާގެ ރިޔާސީ ގަނޑުވަރުން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އާ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ދުވަހު މެންދުރުފަހު 2:30 ގައި ކަމަށެވެ.

މި ބަދަލާއެކު ރަސްގެފާނު އައްސުލްޠާން ޢަބްދުﷲ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް މެދުކެނޑުމެއް އައިސްގެން ނުވާނެ ކަމަށާއި އެ މަސައްކަތްތައް ވަގުތުން ފަށަން ޖެހޭނެ ކަމަށެވެ.

"އާ ބޮޑުވަޒީރު އައްޔަން ކުރުމާއެކު ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ނުތަނަވަސްކަމަށް ނިމުމެއް އަންނާނެ ކަމަށް ރަސްގެފާނު ގަބޫލު ކުރައްވާ،" ނޫސްބަޔާނުގައިވެ އެވެ.

ހޯމަ ދުވަހު ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން އިސްތިއުފާ ދެއްވުމާއެކު އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތައް ވަނީ ގިނަވެފަ އެވެ.

އޭގެ ޖެހިގެން އައިދުވަހު އަބްދުﷲ ރަސްގެފާނު ވަނީ މެލޭޝިއާގެ ހުރިހާ ސިޔާސީ ބޮޑު ޕާޓީތަކަށް ބައްދަލުވުމަކަށް ދައުވަތު ދެއްވައި ބޮޑުވަޒީރަކު އައްޔަންކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރައްވާފަ އެވެ.

ބޮޑުވަޒީރުކަމަށް އިސްމާއީލް ސަބްރީ އިސްވުމާއެކު ސިޔާސީ ބޭފުޅުންނާއި އާންމު ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ތަހުނިޔާ ކިޔާފަ އެވެ. -- ޗެނަލް ނިޔުސް އޭޝިޔާ