ފަސް އަހަރަށް ފަހު ކަރަން ޖޯހަރް ޑައިރެކްޓް ކޮށް އުފައްދާ ފިލްމް، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިންތައް ފަށައިފި އެވެ.

ފިލްމުގެ ޝޫޓިންތައް ފަށާފައިވާ ކަމަށް ހާމަކޮށްފައި ވަނީ ރަންވީރު ސިންގް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.

މި ފިލްމަކީ ދެވަނަ ފަހަރަށް ރަންވީރު ސިންގް އާއި އާލިއާ ބަޓްއެކުގައި ފެނިގެންދާނެ ފިލްމެކެވެ. ފިލްމުގެ އިތުރު ބައިވެރިންގެ ތެރޭގައި ޖަޔާ ބަޗަން، ޝަބާނާ އަޒްމީ އަދި ދަރްމޭންދްރާ ހިމެނެ އެވެ.

ކަރަން ޖޯހަރް މި ފިލްމުގެ ވާހަކަ މީޑިއާގައި ހިއްސާކޮށްފައި ވަނީ މިދިޔަ ޖުލައި ހަވަނަ ދުވަހު ފާހަގަކުރި ރަންވީރު ސިންގްގެ އުފަން ދުވަހު އެވެ. ކަރަން އެންމެ ފަހުން ޑައިރެކްޓްކޮށް ނެރުނު ފިލްމަކީ 2016 ވަނަ އަހަރު ނިކުތް ފިލްމް "އޭ ދިލްހެ މުޝްކިލް'' އެވެ.

މި ފިލްމުގައި އައިޝްވަރިޔާ ރާއީ ބަޗަން، އަނުޝްކާ ޝަރްމާ އަދި ރަންބީރު ކަޕޫރު ފެނިފައިވެ އެވެ.

https://www.instagram.com/p/CSx_Z7sqm-s/?utm_medium=copy_link

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ދަރްމޭންދްރާ އަދި ޖަޔާ ބަޗަން ފެނިގެންދާނީ ރަންވީރު ސިންގްގެ އާއިލާގެ ގޮތުގަ އެވެ. އަދި ޝަބާނާ އަޒްމީ ފެނިގެންދާނީ އާލިއާ ބަޓްގެ އާއިލާގެ ގޮތުގައި ކަމަށްވެ އެވެ.

މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގަ އެވެ.