އިއްޔެ ނޫސްތަކުގައި އެންމެ ހިނގި ހަބަރަކަށް ވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކައިވެނި ބައްލަވައިގެންނެވި ހަބަރެވެ.

ހައިތަމް ކައިވެނި ބައްލަވައިގެންނެވީސަޖާން މުއާޒް ޝަހީމް ކިިޔާ ބޭކަނބަލަކާ އެވެ. އެ ކައިވެންޏަށް ވުރެ މީހުންގެ ސަމާލުކަން ލިބިގެން ދިޔައީ އެ ކައިވެނީގެ ރަނަށެވެ.

ރަނުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު އެ އަދަދު ގައި އޮތީ 614.520 ރުފިޔާ އެވެ. މި އަދަދު ބޮޑުކަމަށް ބުނެ އެ ދެމަފިރިންގެ ޒާތީ ދިރިއުޅުމާ ބެހިގަތް މީހުން ހީވީ އަރާ ކާލަފާނެ ހެންނެވެ.

ރަނުގެ ގޮތުގައި ޖަހާފައި އޮތް އަަދަދު ބޮޑުކަމަށް ވިޔަސް ރަން ކިޔުއްވީ ފައިސާ އަކަށް ނޫނެވެ. އައި މީގެ 120 އަހަރު ކުރީގެ ފައްޓަރު ބަޔަކަށެވެ. މި ފައްޓަރަކީ އާއިލީ ގޮތުން ވާރުތަވި، 120 ވަރަކަށް އަހަރުވެފައިވާ ހައިތަމްގެ މާމަގެ ރިހި ފައްޓަރެވެ.

އޮންލައިން ނޫސް"މިހާރު" އާ ވާހަކަދައްކަވަމުން ސަޖާން ވިދާޅުވި ގޮތުގައި ރަނުގައި ފައިސާގެ އަދަދެއް ޖައްސަވަން ޖެހިވަޑައިގަތީ ފެމިލީ ކޯޓުން އެގޮތަށް އެދުމުން، ދިވެހި ރާއްޖޭގެ ހެތިޓޭޖް މިނިސްޓްރީން އެފަދަ ގަދީމީ ތަކެތި އަގުކުރެވޭނެ ގޮތެއް ހަމަޖެހިފައި ނެތުމުންނެވެ.

މި ފައްޓަރާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ހައިތަމް ވިދާޅުވި ގޮތުގައި އާސާރީ ތަކެތި އަގު ކުރާ ރާއްޖޭން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން އަގު ކުރި އިރު އޭގެ އަގު 1.2 މިލިއަނަށް އަރަ އެވެ. އެހެން ނަމަވެސް އަނބިކަނބަލުން ރަނުގައި ޖަހަން ނިންމީ އެ ފައިސާގެ އަގުގެ ދެބައިކުޅަ އެއްބައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަޖާން އާއި ހައިތަމްގެ ކައިވެނީ ރަސްމިއްޔާތުގައި

ރަނުގެ ގޮތުގައި ބޭނުން އަދަދެއް ކިޔުމުގެ ހައްގު އަންހެން މީހާއަށް އޮންނަ އިރު ހައިތަމްގެ އަނބިކަނބަލުން ރަން ކިޔުއްވި އަދަދު "ބޮޑު" ވެގެން އާންމުން ފާޑު ކިޔުމުުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ރަން ކިޔުމަށް ވަކި އަދަދެއް ކަނޑައެޅިފައެއް ނޯވެ އެވެ. އަދި އެ މީހަކު ރަން ކިޔަންވާނީ އެ މީހަކު ބޭނުންވާ ވަރަކަށެވެ. އެކަމާ ފާޑު ކިޔާ މީހުންނަށް އެކަމުން ހާސިލް ވަނީ ކޯއްޗެއް ހެއްޔެވެ؟