ކޮލަމްބޯ (24 އޮގަސްޓް) - ސްރީލަންކާގައި ކޮވިޑް -19ގެ ސަބަބުން މަރުވާ މީހުން އިންތިހާއަށް ގިނަވެ، ކާޑުބޯޑު ސަންދޯއްތަކުގައި މީހުން ވަޅުލަން ފަށައިފި އެވެ.
މި ސަންދޯއްތަކަކީ ބޭނުންކޮށްފައިވާ ކާޑުބޯޑު ފޮށި އަލުން ބޭނުން ކޮށްގެން މީހުން ވަޅުލަން ތައްޔާރުކުރާ ސަންދޯއްތަކެކެވެ. ލަކުޑި ސަންދޯއްތަކާ އަޅާބަލާއިރު މިފަދަ ސަންދޯއްތަކުގެ އަގު ހަ ގުނަ ކުޑަ އެވެ.
މި ދުވަސްވަރު ސްރީލަންކާގައި ކޮވިޑް ހިމެނޭ ގޮތަށް އެކި ސަބަބުތަކުގައި އެވްރެޖްކޮށް 400 މީހުން މަރުވާއިރު، ކޮވިޑްގެ ސަބަބުން އަގުބޮޑު ލަކުޑި ސަންދޯއްތައް ގަންނަން ގިނަ ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ކާޑުބޯޑު ސަންދޯން ބޭނުންކުރުމުގެ ޚިޔާލު ފުރަތަމަ ހުށައެޅި ސަރުކާރު އޮފިޝަލެއް ކަމަށްވާ ޕްރިޔަންތަ ސަހަބަންދު ވިދާޅުވީ މިއީ އަގުހެޔޮ ގޮތެއްގެ އިތުރުން ތިމާވެށްޓާ ވެސް ރައްޓެހި ގޮތެއް ކަމަށެވެ.
"400 ސަންދޯއް ހެދުމަށްޓަކައި 300-250 ދެމެދުގެ ގަސް ކަނޑަން ޖެހޭ. މިއީ އެކަމުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ހުށައެޅި ޚިޔާލެއް،" ޕްރިޔަންތަ ވިދާޅުވި އެވެ.
ސްރީލަންކާގައި ލަކުޑި ސަންދޯކެއްގެ އަގު 30،000 ރުޕީސްއަށް އުޅޭއިރު، ކާޑުބޯޑު ސަންދޯކެއް ލިބެނީ 4،500 ރުޕީސް އަށެވެ.
މިހާތަނަށް ކާޑުބޯޑު ސަންދޯއް ބޭނުން ކުރެވެމުން އައީ ހަމައެކަނި ކޮވިޑް ބަލީގައި މަރުވި މީހުން ކަމަށް ވިޔަސް ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ގިނަ ބަޔަކު އަންނަނީ އެހެން ބަލިތަކުގައި މަރުވާ މީހުންނަށް ވެސް ކާޑުބޯޑު ސަންދޯއް ބޭނުން ކުރަމުންނެވެ.
ދެހިވަލަ ސަރަހައްދުގައި ހުންނަ ކާރުޚާނާއެއްގައި 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް 350 ކާޑުބޯޑު ސަންދޯއް ތައްޔާރުކޮށްފައިވާއިރު، އިތުރު 150 ސަންދޯކުގެ އޯޑަރު ލިބިފައިވާ ކަމަށް އެ ކާރުޚާނާއިން ބުނެ އެވެ.
ސްރީލަންކާއަށް ކޮވިޑްގެ ނުރައްކާތެރި ރާޅެއް ކުރިމަތިވެ، ރެކޯޑު އަދަދަކަށް މީހުން ދަނީ މަރުވަމުންނެވެ. އެގޮތުން އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެގައުމުން 198 މީހަކު ވަނީ ކޮވިޑްގައި މަރުވެފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް