ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާފައި ވަނީ ގޯސްކޮށް ކަމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި އެވެ.
އެކަން އަންގާފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވި ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައި ވަނީ އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލައަކާ ގުޅިގެން ބޭރު ގައުމެއްގެ ފަރާތެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރަންވީ އުސޫލުތަކެއްވެއެވެ.
އެ ސިޓީގައި ވަނީ ބޭރު ގައުމެއްގެ ފަރާތެއްގެ ބަޔާން ނެގުމުގެ ކަންކަން އިންތިޒާމް ކުރަނީ އެފަދަ ކަމެއްގައި އެހީތެރިކަން އެދޭ ގައުމުން ބަޔާން ބޭނުންވާ ފަރާތް ހުރި ގައުމުގެ ސަރުކާރުގެ ކިބައިން އެދިގެންކަމަށެވެ.
އެކަން ކުރަންޖެހޭ ގޮތަކީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަމަށް އެދި މިޔުޗިއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް ފޮނުވައިގެން ކަމަށް އެ ސިޓީގައިވެއެވެ.
މަހުލޫފް މައްސަލައިގެ ހެއްކެއްގެ ގޮތުގައި ލަންކާ މީހެއްގެ ބަޔާން ނެގީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް އޭނާ ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެކަމުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގުގެ އަތެއްވާ ކަމަށް ވެސް މަހުލޫފް ވަނީ ތުހުމަތު ކުރައްވާފައެވެ.