ބަލިތަކުން ދުރުވެ ތިބުމަށްޓަކައި ދިފާއީ ނިޒާމު ވަރުގަދަކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ. ހާއްސަކޮށް ވިއްސާރަ މޫސުމުގައި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ވަރަށް ފަސޭހައިން ގޭގައި ހަދާލެވިދާނެ ބައެއް ބުއިންތަކަށެވެ.

ރީނދޫ ސައި

ނަމާ އެއްގޮތަށް ރީނދޫ ސަޔަކީ ރީނދޫ އަޅައިގެން ތައްޔާރު ކުރެވޭ ބުއިމެކެވެ. ރީނދުލުގައި ހިމެނޭ ކުރްކުމިން ނަމަކަށް ކިޔާ މާއްދާއަކީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ ބަލިތަކުން ދުރުކޮށްދޭ މާއްދާ އެކެވެ. 15 މިނެޓް ވަންދެން ފެނުގައި ރީނދޫކޮޅެއް ކެއްކުމަށްފަހު ލުނބޯ ހުތާއި މާމުއި އެއްކޮށް ތާފަނާކޮށް ބޯލާށެވެ.

މަސާލާ ސައި

އެކި ވައްތަރުތަކުގެ މަސާލާތަކަކީ ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިބިދޭ ބާވަތްތަކެކެވެ. އެގޮތުން އެއިން ދިފާއީ ނިޒާމަށް ވެސް ފައިދާ ކުރެ އެވެ. އިނގުރު، ފޮނިތޮށި، ކާފުރު ތޮޅި، ކަރަންފޫ އަދި އަސޭމިރުސް 30 މިނެޓު ވަންދެން ބައި ޖޯޑު ފެނުގައި ކެއްކުމަށްފަހު މާމުއި ފޮދެއް އަޅައިގެން ބޭނުން ކުރާށެވެ.

ގްރީން ސްމޫތީ

މިއީ ވެސް ގޭގައި ވަރަށް ފަސޭހައިން ހަދާލެވިދާނެ ސިއްހަތަށް ފައިދާހުރި ބުއިމެކެވެ. ވިޓަމިން އޭ، ސީ، ފޮލިކް އެސިޑްގެ އިތުރުން އެންޓި އޮކްސިޑަންޓް ހިމެނޭ މި ބުއިމުން ސިއްހަތަށް ވަރަށް ފައިދާ ކުރާނެ އެވެ. ސްޕިނަޗް ފަތްކޮޅަކާއި އިނގުރާއި ލުނބޯހުތް އެލްމަންޑް ކިރު ނުވަތަ ޔޯގަޓް ގައި ގިރައިގެން ބޯލާށެވެ.