ދާދި ފަހުން ކަރަން ޖޯހަރް އާއި، އާލިއާ ބަޓް އަދި ރަންވީރު ސިންގް ގުޅިގެން ވަނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ނަމުގައި ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިއުލާން ކޮށްފަ އެވެ.

މިއީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ކަރަން ޖޯހަރް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށް ވެގެންދާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަންގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިންތައް މިހާރު ފެށިގެން ދަނީ ކުރިއަށެވެ.

މި ފިލްމުގެ ޝޫޓިންތައް ކަރަން ޖޯހަރް ކުރިޔަށް ގެންދަން ބޭނުންވަނީ ވަރަށް ސިއްރު ގޮތެއްގައިކަން ހާމަވެ އެވެ. އެގޮތުން ކަރަންގެ ޓީމުން އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ އެންމެންގެ ފޯނުތައް ޗެކްކުރަމުނެވެ. އަދި ފިލްމުގެ ޝޫޓިންގެ ތެރޭގެ އެއްވެސް މަންޒަރެއް ނުވަތަ ވީޑިއޯއެއް ފޯނުގައި އިނަސް ޑިލީޓް ކޮށްލާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން މިފިލްމުގައި އާލިއާ ބްޓް ކުޅުމަށް ހަމަޖެހިފައިވާ ރޯލުގެ ބައެއް މުހިއްމު މަންޒަރުތަކެއް ނެގުމަށްޓަކައި ދެ ފަންގިފިލާ ހިމެނޭ ގޮތަށް އޮފީސް އިމާރާތެއް މަސައްކަތް ކަރަންގެ ޓީމުން އަންނަނީ ކުރަމުންނެވެ. އާލިއާ މި ފިލްމުގައި ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިންގެ ތެރެއިން

ރަންވީރު ސިންގް އަދި އާލިއާ އާއެކު ޝޫޓިންތަކުގައި ކަރަން ހަރަކާތްތެރިވަމުންދާއިރު ސައިފް އަލީ ޚާން ގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ވެސް ވަނީ ފިލްމުގެ ޝޫޓިންތައް ކުރިއަށްދާ ސަރަހައްދުން ފެނިފައިވެ އެވެ. މި ފިލްމުގައި ކަރަން ޖޯހަރާއެކު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބްރާހީމް އަލީ ޚާން މަސައްކަތް ކުރާނެ ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.