ގާތުން ކިރުދޭ މައިންގެ ތެރެއިން ކޮވިޑް 19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މައިންގެ ފަރާތުން ލިބޭ ކިރުގައި ކުޑަ ދަރިފުޅު ކޮވިޑުން ރައްކާތެރިކޮށްދިނުމަށް އެހީވެދޭނެ އެންޓި ބޮޑީސް ގިނަ އަދަދަކަށް ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޖާނަލް އޮފް ބްރެސްޓް ފީޑިންގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި އިތުރަށް ބުނެފައި ވަނީ ގާތުން ކިރުދޭ މައިން ކޮވިޑް ވެކްސިން ޖެހުމަކީ މައިންނާއި ދަރިންނަށް ވެސް ކޮވިޑުން ރައްކާތެރިކަން ލިބިދޭނެ ކަމެއް ކަމަށެވެ.
"ހޯދުންތަކުން އެނގޭ ގޮތުގައި ވެކްސިން ޖަހާފައިވާ ކިރުމައިންގެ ކިރުގައި އެންޓި ބޮޑީސް ގިނަ އަދަދަކަށް ހިމެނޭ. އެކަމުން އެނގެނީ ކޮވިޑް 19ގެ ރައްކާތެރިކަން މައިންގެ ފަރާތުން ދަރިންނަށް ލިބޭކަން" ދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވި ފަރާތެއް ވިދާޅުވި އެވެ.
ގާތުންދޭ ކިރަކީ ތުއްތު ދަރިފުޅަށް އެތައް ގޮތަކުން ފައިދާ ކުރާ އެއްޗަކަށް ވާއިރު މައިން ވެކްސިން ޖެހުމަކީ އެ ފައިދާތަކަށް އިތުރުވި ބޮޅެއް ކަމަށް ދިރާސާގައިވެ އެވެ.
ވެކްސިން ޖަހާފައިވާ މައިން ކިރުދޭ ދަރިންނަށް ކޮވިޑް ޖެހުމަށް އޮތް ފުރުސަތު ދެނެގަތުމަށް އިތުރު ދިރާސާތައް ކުރަމުންދާ ކަމަށް މި ދިރާސާ ކުރިއަށް ގެންދިޔަ ޓީމުން ބުނެފައިވެ އެވެ.