ކޮވިޑް ވެކްސިން ޖަހާ މީހުންގެ މެދުގައި ގުރުއަތުން ހޮވޭ މީހަކަށް ފައިސާގެ އިނާމެއް ދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފުވައްމުކަކު ސިޓީ ކައުންސިލުން ބުނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ވެކްސިން ޖަހާ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތުލުމެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. މި ގުރުއަތުން ހޮވޭ ތިން ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލުން ބުނީ ގުރުއަތުން ހޮވޭ ކޮންމެ މީހަކަށް 1،000 ރުފިޔާ ދޭނެ ކަމަށެވެ.

މީގެ އިތުރުން ގުރުއަތުން ހޮވޭ ފަސް ފަރާތްތަކަށް ރެސްޓޯރަންޓަކުން ހިލޭ ކެއުމުގެ ފުރުސަތު ވެސް ދޭން ނިންމާފައިވެ އެވެ.

ފުވައްމުލަކު ސިޓީ ވެކްސިން ކެމްޕޭނަށް ބޭނުންކުރާ ޕޯސްޓަރެއް

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ވެކްސިން ކެމްޕޭނުގެ މަގުސަދަކީ އެ ސިޓީއަކީ 90 ޕަސެންޓް މީހުން ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހާފައި ތިބި ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ވެކްސިން ޖެހުމުގެ އިންތިޒާމްތައް ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަމަޖެހިފައިވާ ކަމަށާއި ތައުލީމީ މަރުކަޒަށް ދިއުމުން ވެކްސިން ޖެހުމުގެ ފުރުސަތު ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެ ރަށް މިހާރު ވެސް އޮތީ މޮނިޓަރިންގަ އެވެ. މީއީ އެ ރަށް މޮނިޓަރިންއަށްލި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން މޮނިޓަރިންއަށްލީ މޮނިޓަރިން އުވާލިތާ ތިން ހަފުތާ ވެސް ނުވަނީހެވެ.

ފެތުރުން ހުއްޓުވުމަށްޓަކައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.