ހަށިގަނޑު ރީތިކޮށް ބައްޓަންކޮށް ބެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނެކެވެ. ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަނީ މަދު ބައެކެވެ. ބޭނުންވާ ނަތީޖާއާ ހަމައަށް ދެވެންދެން ދެގޮތެއް ނުވެ ހުރުމަކީ އަދި އެއަށް ވުރެ ވެސް މަދު ބަޔަކަށް ނޫނީ ނުވާ ކަމެކެވެ.

އާމިނަތު ނަޝްފާ (ނަޝް) 36، އަކީ ރީތި ހަށިގަނޑެއްގެ ވެރިއަކަށް ވުމަށް ހިތްވަރާއެކު މަސައްކަތްކުރި މީހުންގެ ތެރެއިން އެކެކެވެ. ކަސްރަތާއި ސިއްހަތުގެ ރޮނގުން މިއަދު ނަޝްއަށް އާދެވިފައި ހުރި ހިސާބަށް އާދެވުމުގެ ސިއްރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ކަނޑައެޅި ލަނޑުދަނޑި އެވެ. އެ ލަނޑުދަނޑި ހާސިލް ކުރުމަށް އޭނާގެ ހިތުގައި އޮތީ ނުގުޑާ ފަދަ އަޒުމެކެވެ.

ނަޝްއަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެތައް ހުރަސްތަކެއްގައި އަޅައިގަނެ ވެއްޓުނެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް އޭނާ ތެދުވަނީ އިތުރު ހިތްވަރަކާއި އިތުރު ބުންވަރާ އެކު އެވެ.

ނަޝްއަކީ ސްކޫލް ދައުރުން ފެށިގެން ވެސް ހަށިގަނޑު ރަނގަޅުކޮށް ހުރި ކުއްޖެކެވެ. އިސްކޮޅާ އަޅާބަލާއިރު ބަރުދަން އިތުރު ކުއްޖެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުން މުޅިން ބަދަލުވީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ހިސާބުންނެވެ.

އިސްކޮޅާ އަޅާބަލާއިރު ބަރުދަން އިތުރުކޮށް ހުރެ ބަލިވެ އިނުމުން ކުރިމަތިވި ދަތިތައްވީ އިތުރެވެ. ބަރުދަނުގެ ސަބަބުން ޖިސްމާނީ ގިނަ އަނިޔާތަކެއް ވެސް މާބަނޑު ދުވަސްވަރު ލިބުނު ކަމަށް ނަޝް ބުންޏެވެ. ބަނޑުވަތަށް ވެއްޓި އަތް ބިނދުމާއި ފައި ފުރޮޅުން ފަދަ ކަންތައްތައް ކުރިމަތިވި އެވެ. އަތުގެ ބޮޑު ސާޖަރީއެއް ކޮށް އަތް ސީދާ ނުވެ ވެސް އެތައް ދުވަހަކު އުޅެން ޖެހުނެވެ.

ކުރިމަތިވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ފުރަތަމަ ދަރިފުޅު ވިހެއުމަށްފަހު ނިއާވީ އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ނަޝް ދެވަނަ ދަރިފުޅަށް ބަލިވެއިނެވެ.

ދެވަނަ ދަރިފުޅު ލިބި ދެ އަހަރު ފާއިތުވި އިރު ވެސް ނަޝްގެ ބަރުދަނަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. އޭނާގެ ދިރިއުޅުން ބަދަލުވީ އެހިސާބުންނެވެ. ދަރިފުޅަށްޓަކައި ސިއްހަތު ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ނަޝް އަޒުމު ކަނޑައެޅި އެވެ.

"ބަރުދަން އެހާ ވަރަށް ހުރެ ދަރިފުޅު ބަލަން ބޭނުން ނުވީ. ރަނގަޅު މިސާލެއް ދައްކައިދޭން ބޭނުންވީ،" ނަޝް ބުންޏެވެ.

ފަތިހު ހިނގަންދާން ފެށީ ސަރުކާރު ވަޒީފާއެއްގައި މަސައްކަތް ކުރަމުންނެވެ. ތުއްތު ދަރިފުޅު ބަލަމުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަމުން އުނދަގޫތަކާ ކުރިމަތިވި އެވެ. ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތުން 13 މަސް ދުވަހުގެ ތެރޭގައި 80 ކިލޯއިން 50 ކިލޯއަށް އޭނާގެ ބަރުދަން ލުއި ކުރި އެވެ

އާމިނަތު ނަޝްފާ: ކުރިއާއި މިހާރު

.ލިބުނު ކާމިޔާބާއެކު ނަޝްއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަން އޭނާއަށް ގަބޫލު ކުރެވުނެވެ. ގަވާއިދުން ޖިމަށް ދީއުމަކީ އޭނާގެ ދިރިއުޅުމުގެ އާދައެއް ކަމުގައި ހެދީ އެ ހިސާބުންނެވެ.

އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ފިޓްނަސްއަކީ ނަޝްގެ ދިރިއުޅުމުގެ މުހިއްމު ހިއްސާއެކެވެ. އޭނާގެ "ޕެޝަން" އެވެ. މި ރޮނގުން އިތުރަށް ކުރިއަށް ދިއުމަަށްޓައި މެލޭޝިއާއިން ފިޓްނަސް އިންސްޓްރަކްޓަރު ކަމުގެ ކޯސް ފުރިހަމަކުރީ ރަހުމަތްތެރިއަކު ދިން ޚިޔާލެއްގެ މަތިންނެވެ.

"ވިޔަފާރިއަކަށް ވުރެ އެހެން މީހުންނަށް އެހީވުމަށް ކުރާ ކަމެއްގެ ގޮތުގައި މިކަން ކުރަނީ. ވަރަށް ބޭނުންވޭ އެހެން މީހުންނަށް ރަނގަޅު މަގު ދައްކައިދޭން އަދި ރަނގަޅު ސިއްހަތެއްގެ މުހިއްމު ކަމާމެދު މީހުން ހޭލުންތެރިކުރުވަން،" ނަޝް ބުންޏެވެ.

އާމިނަތު ނަޝްފާ:

ދުޅަހެޔޮ ސިއްހަތާ މެދު ހޭލުންތެރި ކުރުވައި އަންހެނުން ބާރުވެރި ކުރުވުމަކީ މިއަދު ނަޝްގެ އެންމެ ބޮޑު މަގްސަދެވެ. އޭނާއަށް ލިބިފައިވާ ތަމްރީނާއި ތަޖުރިބާއިން އެހެން މީހުންނަށް އެހީވުމަކީ މިހާރު ނަޝް އަންމެ ބޭނުންވާކަމެވެ.

މިއަދު ނަޝްއަކީ ކާމިޔާބު ފިޓްނަސް އިންސްޓްރަކްޓަރެކެވެ. ފިޓްކޮން ޖިމްގައި އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ކުރިއަށްދާ ކަސްރަތު ކުލާހުގެ މުދައްރިސެކެވެ. ގިނަ ބަޔަކު، ހާއްސަކޮށް އަންހެން ކަނބަލުން ބަރުދަން ލުއިކުރަން ކުރާ މަސައްކަތުގައި އެހީވެދޭ މަދަދު ދާރެކެވެ. އޭނާގެ ބެލުމުގެ ދަށުން ގިނަ ބަޔަކު ނަތީޖާ ނެރެފައި ވެސް އެބަހުއްޓެވެ.

"މިހާތަނަށް ލިބުނު ކޮމެންޓްސް ވަރަށް ރަނގަޅު. ކްލަޔަންޓުންގެ ފަރާތުން ލިބޭ އެކްނޮލެޖްމަންޓްއަކީ ވަރަށް ބޮޑު ހިތްވަރެއް،" ނަޝް ބުންޏެވެ.

ކޮންމެ މީހަކީވެސް ތަފާތު މީހެއް ކަމުގައި ދެކިގެން ނަޝް އޭނާގެ ކޮންމެ ކްލަޔަންޓެއްގެ ވޯކް އައުޓް ޕްލޭން ވެސް ތައްޔާރު ކުރަނީ އެ މީހަކަށް ހާއްސަކޮށްގެންނެވެ. އެ މީހެއްގެ ހާލަތާއި ބޭނުންތަކަށް ބަލައިގެންނެވެ. އޭނާގެ ބެލުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޕޮލިސިސްޓިކް އޯވަރީސް ސިންޑްރޯމް (ޕީސީއޯއެސް) ހުންނަ މީހުން ވެސް ކަސްރަތުކޮށް ނަތީޖާ ނެރެފައިވެ އެވެ.

އާމިނަތު ނަޝްފާ

"އަޅުގަނޑުގެ ކްލަޔަންޓުންގެ ހިތްވަރު ފާހަގަކޮށްލަން. ވަރަށް ހިތްވަރާއެކު މަންޒިލް ހާސިލް ކުރުމަށް އެ މީހުން މަސައްކަތް ކުރޭ،" ނަޝް ބުންޏެވެ.

އަމިއްލަ ކުންފުންޏެއްގައި ވަޒީފާއަދާކުރާ ނަޝް ބުނިގޮތުގައި ވަޒީފާއިން ކެނޑި ފިޓްނަސްގެ ދާއިރާއަށް ހުސްވުމުގެ ވިސްނުމެއް އަދި ނެތެވެ. އޭނާ މިވަގުތު އަދާކުރާ ވަޒީފާއަކީ ވެސް ބަޔަކަށް އެހީވެދީ މަގު ދައްކައިދޭން ލިބޭ ފުރުސަތަކަށް ވާތީ އެވެ.

މިހާރުގެ ދިރިއުޅުމުގައި ކުރިމަތިވާ އެންމެ ބޮޑު އުނދަގޫތަކަކީ ވަގުތުގެ ދަތިކަން ކަމަށް ނަޝް ފާހަގަ ކުރި އެވެ. ދަރިފުޅަށް ނުވަ އަހަރު ފުރިފައިވާއިރު ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން ފިޓްނަސް ކެރިއަރުގެ ކަންކަން ކުރަމުން ބޭނުންެވާ ވަރަށް ދަރިފުޅަށް ވަގުތު ނުދެވޭ ކަން ނަޝް ފާހަގަ ކުރި އެވެ.

އެކަނިވެރި މައެއްގެ ގޮތުގައި ދަރިއަކު ބަލާ ބޮޑު ކުރުމާއި އޮފީހުގެ އިތުރުން ފިޓްނަސްގެ ކެރިއަރަށް އެއްވަރަށް ވަގުތު ބަހާލައިގެން މަސައްކަތް ކުރުމަކީ ނަޝްއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ނަޝް ބުންޏެވެ.

"އަސްލު ބޭނުންވާ ވަރަށް ދަރިފުޅަށް ޓައިމްއެއް ނުދެވޭ. އެކަމަކު ވަރަށް އުފާ ކުރަން އޭނައަކީ ނަޝްގެ މަސައްކަތާ ދިރިއުޅުން ރަނގަޅަށް އެނގި އެކަން ބަލައިގަންނަ ކުއްޖަކަށް ވާތީ،" ނަޝް ބުންޏެވެ.

ނަމަވެސް މި ދިރިއުޅުމުގައި އޭނާގެ ދަރިފުޅުގެ ފަރާތުން ލިބޭ އެއްބާރުލުން ނަޝް ފާހަގަ ކުރީ އުފަލާއެކުގަ އެވެ. މަންމަގެ މަސައްކަތްތަކަށް އޭނާގެ ދަރިފުޅު ހޭނި އަމިއްލަ ކަންކަން އަމިއްލައަށް ކުރަމުން ދިއުމަކީ ނަޝްއަށް ލިބޭ ލުއިފަސޭހަ އެކެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށްް ނަޝް ދޭން ބޭނުންވަނީ އެންމެ މެސެޖެކެވެ. ބޭނުންވާ އަމާޒަށް ވާސިލްވުމަށްޓަކައި ބޭނުންވަނީ ދެގޮތެއް ނުވެ އެއް އަމާޒެއްމަތީ މަސައްކަތް ކުރުން ކަމުގައި ނަޝް ހަނދާން ކޮށްދިނެވެ. ދުޅަހެޔޮ ސިއްހަތެއްގެ ސިއްރަކީ ކެއުން ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

"އެއް ދުވަހުން ނަތީޖާ ނުފެނިދާނެ. އެކަމަކު ހިތްވަރާއެކު ކުރިއަށް ގޮސްފިނަމަ މިއީ ނުވާނެ ކަމެއް ނޫން،" ނަޝް ބުންޏެވެ.

ބަރުދަން ލުއިކޮށް ހަށިގަނޑު ހިއްކާލައި ސިއްހަތު ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ނަޝް ކުރި ދަތުރަކީ ލާމަސީލު ހިތްވަރުގަދަ ދަތުރެކެވެ. އެތައް ގިނަ ހުރަސްތަކެއް ކުރިމަތިވެ، ކާމިޔާބު ހޯދި ދަތުރެކެވެ. އެ ދަތުރުން އިބުރަތް ލިބިގަންނަންވީ އެވެ.

ދުޅަހެޔޮ ސިއްހަތަކަށް ވާސިލްވާން މަސައްކަތް ކުރަން ވަކި ވަގުތެއް ނެތްކަން ނަޝްގެ މި މަސައްކަތުން އެނގެ އެވެ. ހިތްވަރާއެކު ގަދައަޅާ މަސައްކަތް ކޮށްފިނަމަ ބަރުދަން ލުއިކުރުމަކީ ނުވާނެކަމެއް ނޫންކަން ނަޝް ވަނީ ދައްކައިދީފަ އެވެ.

ނަޝްގެ ދިރިއުޅުމުން އިބްރަތް ލިބިގަނެ ދުޅަހެޔޮ ސިއްހަތަކަށް އަމާޒު ހިފަމާ ހިނގާށެވެ ނުރަނގަޅު އާދަތަކާ ދުރުވެ، ސިއްހަތު ރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅިއެއް ޚިޔާރުކުރަން މިއަދުން ފެށިގެން އަޒުމް ކަނޑައަޅާށެވެ.