ވޮޝިންޓަން (28 އޮގަސްޓް) - އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލައި އެ ގައުމުގެ ވެރިކަމަށް އަތްގަދަކޮށް އާ ދައުލަތެއް އިއުލާން ކޮށްފައިވާ ތާލިބާނުންގެ ދައުލަތް ބަލައިގަންނަށް ނުވިސްނާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކެޓްރަރީ ޖެން ސަކީ ވިދާޅުވީ އެމެެރިކާއާއި އެގައުމަށް ވާގިވެރިވާ އެހެން ގައުމު ތަކުން ވެސް ތާލބާނުންގެ ސަަރުކާރު ބަލައިގަންނަން ނިންމައިފައި ނުވާ ކަމަށާއި އެކަމަށް އެއްވެސް ވަރަކަށް އަވަސް ކުރަން ބޭނުންނުވާ ކަަމަށެވެ.

"ސާފު ކޮށްދޭން ބޭނުން. އެމެރިކާއާއި އެމެރިކާރގެ ބައިނަލްއަގްވާމީ ބައވެރިން ތާލިބާނުންގެ ދައުލަތް ބަލައިގަތުމުގައި އަވަސް ކުރުމުގެ ވިސްނުމެއް ނެތް،" ސަކީ ބުންޏެވެ.

ތާލިބާނުންނާއި އެމެރިކާއާ އޮތް ގުޅުމާ ބެހޭ ގޮތުން ސުވާލު ކުރެވެމުން ސަކީ ވިދާޅުވީ އެމެރިކާއިން ތާލިބާނުންނަށް އިތުބާރު ނުކުރާ ކަމަށާއި އެހެން ނަމަވެސް އަފްޣާނިސްތާނުގައި ތާށިވެފައި ތިބި އެމެރިކާ ރައްޔިތުންނާއި ވާގިވެރި ގައުމުތަކުގެ ރައްޔިތުން ރައްކާތެރި ކަމާއެކު އެގައުމުން ބޭރުކުރަން ތާލިބާނުންނަށް ދޭންޖެހޭ އެއްބާރުލުމެއް ދެމުންދާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު 12،500 މީހުން އަފްޣާނިސްތާނުން ބޭރު ކުރެވިފައިވާއިރު އޮގަސްޓް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެގައުމުން ބޭރު ކުރެވުނު މީހުންގެ އަދަދު 105،000 އަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލައި އިސްލާމިކް ސްޓޭޓް އޮފް އަފްޣާނިސްތާންގެ ނަމުގައި އާ ދައުލަތެއް ތާލިބާނުން އިއުލާނު ކުރީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. -- އަލް އަރަބިއްޔާ