ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުނު ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިންތި ވިދާޅުވީ މަޖިލިސް ހުޅުވުނު ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ސިޓީއެއް ފޮނުއްވި ކަމަށާއި އެ ދުވަހު ފުރަތަމަ ވެސް މަޖިލީހުގައި އިއްވީ އެ ސިޓީ ކަމަށެވެ. އަދި އެ ސިޓީގައި އެމަނިކުފާނު ރާއްޖެ ވަޑައިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ނެތްކަން ހާމަކުރައްވާފައިވާ ކަމަށާއި ގައުމީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި މަޖިލިސް މެމްބަރެއްގެ ހައިސއްޔަތުން އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެސިޓީ އިއްވާފައި ދެން މަޖިލީހުގައި ފުރުސަތު ދެވުނު އިތުރު މަސައްކަތްތައް ކުރަން. އަޅުގަނޑުމެންގެ ދެ މެމްބަރަކަށް ފުރަތަމަ ވެސް ފުރުސަތު ލިބުނީ ވާހަކަ ދައްކަން. ޗުއްޓީއަށްފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ފުރަތަމަ މި ސިޓީ އިއްވީ މަޖިލީހުގެ ރައީސް. ވިކްޓިމް އަދިވެސް ފަރުވާގައި އެހުންނެވީ. ނަމަވެސް އަޅުގަނޑުމެންގެ ދެ މެމްބަރުން މިކަމާ އެއްވެސް އެއްޗެއް ވިދާޅުނުވީތީ އަޅުގަނޑު ކަންބޮޑުވެ ހިތާމަކުރަން،" އިންތި ވިދާޅުވި އެވެ.

މީގެ އިތުރުން އިންތި ވިދާޅުވީ އެހެން އެކަން އޮއްވާ އިދިކޮޅު ފަރާތްތަކުން ރައީސް ނަޝީދުގެ ސިޓީއާއި ގުޅިގެން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

"ދެން ފުރުސަތު ލިބުނީ އިދިކޮޅު ޕާޓީގެ މެމްބަރެއް ކަމަށްވާ އާދަމް ޝަރީފަށް. އަޅުގަނޑުމެންގެ މެމްބަރަކު އެކަމާ އެއްޗެއް ވިދާޅުނުވެ އިދިކޮޅު ޕާޓީގެ އާދަމް ޝަރީފް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދެއްކެވީތީ އަޅުގަނޑު އާދަމް ޝަރީފަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ދެ މެމްބަރަކަށް ފުރަތަމަ ވެސް ފުރުސަތު ލިބި ރައީސް ނަޝީދުގެ ސިޓީފުޅުގައިވާ ކަންކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅު ނުކުރޭ،" އިންތި ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ މެމްބަރަކު އެކަމާ އެއްޗެއް ވިދާޅުނުވެ އިދިކޮޅު ޕާޓީގެ އާދަމް ޝަރީފް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދެއްކެވީތީ އަޅުގަނޑު އާދަމް ޝަރީފަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ދެ މެމްބަރަކަށް ފުރަތަމަ ވެސް ފުރުސަތު ލިބި ރައީސް ނަޝީދުގެ ސިޓީފުޅުގައިވާ ކަންކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅު ނުކުރޭ،
އިންތި

މަޖިލިސްގެ އެ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދުގެ ސިޓީ އިއްވުމަށްފަހު މަޖިލީހުގައި ފުރަތަމަ އޮތީ ބިލެއް ހުށައެޅުމެވެ.

އެބިލު ހުށައެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު އެވެ. އޭގެ ފަހުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވެސް ވާހަކަ ދެއްކެވި އެވެ. މި ދެ މެމްބަރުން ވެސް ރައީސް ނަޝީދު ފޮނުއްވި ސިޓީއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެއަށްފަހު މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު މެމްބަރު އާދަމް ޝަރީފަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ރައީސް ނަޝީދު ފޮނުއްވި ސިޓީއާއި ގުޅިގެން ވާހަކަފުޅު ދައްކަވާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭގެ ފަހުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއަށް ލިބުނު ފުރުސަތުގައި ވެސް އެކަމާގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ އެވެ.

"މިހާ އާދައިގެ ގޮތަކަށް މިކަން ނަގަމުންދާތީ މިރޭ ވެސް އަޅުގަނޑު ކަންބޮޑުވުން ފާޅުކުރަން. ރައީސް ނަޝީދަށް މި ހަމަލާ ދެވުނީ އަޅުގަނޑުމެންގެ ސަރުކާރު އޮއްވާ. މި ސަރުކާރު އޮއްވާ. އެހެން އެއްވެސް ސަރުކާރެއް އޮއްވާ މިފަދަ ހަމަލާއެއް އެމަނިކުފާނަށް ކުރިމައްޗެއް ނުވޭ. މިހާ ލޮނުމަޑުކޮށް މިކަން ނުގެންދަން އަޅުގަނޑު ތަކުރާރުކޮށް އާދޭސް ދަންނަވަން،" އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިމައްސަލައިގެ ތަހްގީގު ކުރިޔަދާ ގޮތާއި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އިންތި ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

"މިހާރު ވެސް މިރޭ މި ބައްދަލުވުމުން ވެސް ފެނިގެން މިދަނީ އެބޭފުޅުން ބޭނުންވާ ކަންކަން ނިމުނީމަ ފިލަމުން، ބޮނދަމުން ދާތަން. ނަމްބަރުތައް އެދަނީ ދަށަށް،" ގައުމީ މަޖިލީސްގެ ޖަލްސާއިން އެމްޑީޕީގެ މެމްބަރުން ނިކުންނަމުން ދިޔައިރު އިންތި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރައީސް ނަޝީދަށް މެއި ހަވަނަ ދުވަހު ދިން ޙަމަލާގެ ތަހުގީގު ނިމި އެފަރާތްތައް އިސްސާފުގެ ކުރިމައްޗަށް ގެނެސް ހައްޔަރުގައި ބޭތިއްބުމުގެ ކުރިން އެމަނިކުފާނު މާލެ ވަޑައިގަތުމަކީ ޖެހުލުންވާ ކަމެއް ކަމަށާއި، އެކަމާ ގުޅިގެން އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވުމަށްޓަކައި ޗުއްޓީގެ މުއްދަތު އިތުރު ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.