ސިއްހި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރާގެ އިތުރުން އޮޅިގެން ޖަމާކުރެވުނު ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް އޮޅިގެން ބޮޑު މުސާރަ ޖަމާވުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސިއްހި ދާއިރާގައި މަސައްކަތްކުރާ 1،796 މުވައްޒަފުންގެ މުސާރައަށް އުނިއިތުރުކަމެއް އައިސްފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައީ ރޭ 7:45 ގައި ކަމަށެވެ.

މިއީ މުސާރަ ޝީޓުގެ އަދަދުތައް އިސްފަސް ވުމުން އެރި އޮޅުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް މުސާރައަށް ވުރެ އިތުރަށް ފައިސާ ޖަމާވެފައި ހުރިއިރު ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވީ މަދުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެހެންވެ، މުސާރައިގެ އިތުރަށް ޖަމާވި ފައިސާ އަނބުރާ ހޯދައި މަދުން މުސާރަ ޖަމާވި މީހުންނަށް ފައިސާ ދޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުސާރައިގެ ކަންކަން މިހާރު ރާވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އޮޅިގެން ބޮޑު މުސާރަ ޖަމާވި މުވައްޒަފުންގެ އެކައުންޓްތައް މިހާރު ވަނީ ފްރީޒް ކޮށްފަ އެވެ.