ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް މިއަދުން ފެށިގެން ހިދުމަތްތައް ދިނުމުގައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު މިއަދުން ފެށިގެން ފިޔަވަޅުތައް އެޅުމަށް އަންގާވާ ކަމަށެވެ. އެގޮތުން ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ޚިދުމަތް ހޯދާ ފަރާތަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއްނަމަ، ޚިދުމަތް ނުދޭން ވެސް އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވެސް ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް އިސްކަން ދިނުމަށް އެ މިނިސްޓްރީގެ އެންގުމުގައި ބުނެފައިވެ އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީސީއާރ ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މިނިސްޓްރީ އޮފް ހެލްތުގެ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް އިޢުލާނު ކުރާ ޤަރާރުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އެޅުމަށް ނިންމަވާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން، ކޮވިޑް-19 އިން ރައްކާތެރިވުމަށް، ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ވީހާ ވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކޮވިޑް-19 ވެކްސިން އޮގަސްޓް މަހުގެ ނިޔަވަލަށް ފުރިހަމަ ނުކުރާ މީހުންނަށް މިމަހުން ފެށިގެން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.