ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ފުރިހަމަ ކޮށްފައިވާ ނަމަ އެރަށްތަކަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓް ނަހަދައި ދަތުރު ކުރެވޭނެ ރަށްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ

މިގޮތުން އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ލިސްޓްގައިވާ 28 ރަށަކަށް ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރުކުރެވެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިބާ ލިސްޓްގައި ހިމެނެނީ ހއ. އުލިގަމާއި ހއ. މުރައިދޫ އާއި ހދ. ހިރިމަރަދޫ އާއި ހދ. ނެއްލައިދު އާއި ރ. މަޑުއްވަރީ އާއި ރ. މީދޫ އާއި ރ. އަލިފުއްޓާއި ބ. ފެހެންދޫ އާއި ބ. ފުޅަދޫ އާއި ބ. ދޮންފަނާއި ބ. ކިހާދޫ އާއި ބ. އޭދަފުއްޓާއި ބ. މާޅޮހާއި ބ. ކަމަދޫ އާއި އއ. މަތިވެރި އާއި އދ. ދިގުރަށުގެ އިތުރުން އދ. ފެންފުއްޓާއި އދ. ދިއްދޫ އާއި ވ. ރަކީދޫ އާއި ވ. ފެލިދޫ އާއި ވ. ކެޔޮދޫ އާއި ވ. ފުލިދޫ އާއި ފ. މަގުދޫ އާއި ފ. ދަރަނބޫދޫ އާއި ފ. ފީއަލިގެ އިތުރުން ލ. ހިތަދޫ އާއި ގއ. ދެއްވަދޫގެ އިތުރުން ގދ. ރަތަފަންދޫ އެވެ.

ކަރަންޓީންވުމާއި ޕީސީއާރް ހެދުމުގައި އަމަލުކުރެވޭނެ ގޮތާގުޅޭގޮތުން އެޗްޕީއޭއިން ބުނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ، ދަރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ހަމަވެފައިވާނަމަ، ދަތުރު ފަށާ ރަށުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް އިންސައްތަށްވުރެ ދަށްނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށާއި، އަދި ޕީސީއާރް ޓެސްޓު ނުހަދާ ވެސް ދަތުރު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ދަތުރު ފަށާ ރަށުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް ޕަސެންޓަށް ވުރެ މަތި ނަމަ ދަތުރުކުރެވޭނީ ފުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ، ދަތުރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ހަމަވެފައިވީ ނަމަވެސް 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ އެވެ.

ހަމައެހެންމެ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ ދަތުރުކުރާ ރަށުގައި ސަރުކާރުން ކަނޑައަޅާގައިވާ މިންވަރަށް ވެކްސިން ކަވަރޭޖް ހަމަނުވާނަމަ، ފުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އޮތުމާއި، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަންޖެހޭއިރު، ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީސީއާރް ޓެސްޓު ހަދަންޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފި އެވެ.

މީގެ އިތުރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހުން، ދަތުރުކުރުމުގެ ބޭނުމަށް ކުރަންޖެހޭ ޕީސީއާރް ޓެސްޓް ނުވަތަފުރުމުގައި ހަދަންޖެހޭ ޓެސްޓާއި ކަރަންޓީނުގެ މުއްދަތު ނިމުމަށްފަހު ހަދާ ރިލީސް ޓެސްޓު އިއްޔެއިން ފެށިގެން ހަދަންޖެހޭނީ އަމިއްލަ ޚަރަދުގައިކަން އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފަައިވަނީ އާބާދީގެ 85 ޕަސެންޓް މީހުންނެވެ.

އެޗްޕީއޭއިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 302،182 އަށް އަރާފަ އެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 383،620 އެވެ.