އެމެރިކާގައި ފެޑެރަލް ކުށެއްގައި 60 އަހަރު ފަހުން އަންހެނަކަށް މަރުގެ އަދަބު ތަންފީޒު ކުރަން ތައްޔާރުވެއްޖެ އެވެ.
އެމެރިކާގެ ގާނޫނީ ނިޒާމު އޮންނަ ގޮތުން ސްޓޭޓް ފެންވަރުގައި ކުރާ ކުށްތަކުގެ އިތުރުން ބޮޑެތި ކުށްތަކަށް ފެޑެރަލް ގާނޫނުތަކުގެ ދަށުން އަދަބު ދެވެ އެވެ. ސްޓޭޓްތަކުގެ ލެވެލްގައި ހިންގި ކުށްތަކާ ގުޅިގެން އަންހެނުންނަށް މަރުގެ އަދަބު ދީފައި ވިޔަސް، ފެޑެރަލް ކުށެއްގައި އަންހެނަކަށް އެންމެ ފަހުން މަރުގެ އަދަބު ތަންފީޒު ކުރީ 1953 ވަނަ އަހަރު އެވެ. އެއީ އެމެރިކާގެ މަހުޖަނެއްގެ ހަ އަހަރުގެ ފިރިހެން ކުއްޖަކު ވަގަށް ނެގުމަށް ފަހު މަރާލުމުގެ ކުށުގަ އެވެ.
ބައި ގަރުނަށް ވުރެ ގިނަ ދުވަސް ފަހުން އަންނަ ޑިސެމްބަރު މަހު މަރުގެ އަދަބު ތަންފީޒު ކުރަނީ 2004 ވަނަ އަހަރު އެމެރިކާގެ މިސޯރީ ސްޓޭޓްގައި މާބަނޑު އަންހެނަކު މަރާލުމަށް ފަހު އޭނާގެ ބަނޑު ފަޅާލައި، ބަނޑުގައި އޮތް ދަރިފުޅު ވަގަށް ނެގި މައްސަލައެއްގައި މަރުގެ ހުކުމް އިއްވާފައިވާ ލިސާ މޮންޓްގޮމެރީގެ މައްޗަށެވެ. ލީތަލް އިންޖެކްޝަން ޖަހައިގެން އޭނާއަށް މަރުގެ އަދަބު ދޭން ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ވިދާޅުވީ އެއީ އާދަޔާ ޚިލާފް އަނިޔާވެރިކަން ހިމެނޭ ކުށެއް ކަމަށެވެ. އަދި ނުރައްކާތެރި ކުށްތަކުގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ސްޓޭޓް ކުށްތަކާއި ފެޑެރަލް ކުށްތަކުގައި މަރުގެ އަދަބު ދިނުން 1972 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުން މަނާ ކުރުމަށް ފަހު 1976 ވަނަ އަހަރު އެ ހުއްދަ އަލުން ދިނެވެ. އަދި 1988 ވަނަ އަހަރު ހެދި ގާނޫނެއްގެ ދަށުން ފެޑެރަލް ކުށްތަކުގައި އަލުން މަރުގެ އަދަބު ދެވޭ ގޮތަށް ހަމަޖެއްސިޔަސް، ފެޑެރަލް ކުށްތަކުގައި މަރުގެ އަދަބު ތަންފީޒު ކުރަނީ މަދު ފަހަރަކު އެވެ. ހިސާބުތައް ދައްކާ ގޮތުން 1988 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ފެޑެރަލް ކުށްތަކުގައި 78 މީހަކު މަރަން ހުކުމް ކުރިޔަސް، މަރުގެ އަދަބު ތަންފީޒު ކުރީ ތިން މީހަކަށެވެ. އެތައް އަހަރެއްގެ މެދުކެނޑުމަކަށް ފަހު ފެޑެރަލް ކުށްވެރިންނަށް މަރުގެ އަދަބު ދޭން ރަސްމީކޮށް ފެށީ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުންނެވެ.