ތިބާއަކީ ލުއިކާނާ ކެއުމަށް ލޯބިކުރާ ފަރާތެއް ނަމަ ސަމާލު ވާށެވެ! އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެކި ވައްތަރުގެ ޕްރޮސެސްޑް ފުޑްސްއާއި ލުއިކާނާ ކެއުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑު ކޮށްދޭ ކަމެކެވެ.

ލުއިކާނާގެ ގޮތުގައި މި ދިރާސާގައި ބަލާފައި ވަނީ ގޮދަން ފުށް ބޭނުންކޮށްގެން ހަދާފައި ހުންނަ ޕާނާއި ޕޭސްޓްރީސްގެ ބާވަތްތަކާއި، ހަކުރުލާފައި ހުންނަ ކޭކާއި ބިސްކޯދު ފަދަ ތަކެއްޗާއި ޕެކެޓު ކޮށްފައި ހުންނަ ލޮނު ކާތަކެތީގެ އިތުރުން ބްރެކްފަސްޓް ސީރިއަލްސް އެވެ.

މި ދިރާސާގައި ލުއިކާނާ ކެއުމާއި އެފަދަ ކެއުންތަކުން ހިތުގެ ބަލިތައް ޖެހި އެ ބަލިތަކުގައި ފުރާނައަށް ގެއްލުންވުމާ މެދު އޮތް ގުޅުން ދެނެގަންނަން މަސައްކަތް ކޮށްފައިވާއިރު މި ދިރާސާގެ މުއްދަތަކަށް ބަލާފައިވަނީ ދިހަ އަހަރެވެ.

ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ހަފްތާއަކު ލުއިކާނާގެ ގޮތުގައި ބެލެވޭ އެއްޗެހިން 18 ސާވިންގްސް ކައިފި ނަމަ ހިތުގެ ބަލި ޖެހުން 16.6 ޕަސެންޓް އިތުރުވެ އެވެ. އަދި އެއަށްވުރެ ގިނައިން ކާނަމަ އެ ފުރުސަތު ދިހަ ޕަސެންޓް އިތުރުވެ އެވެ.

ލުއިކާނާ ކެއުމަކީ ދިގު މުއްދަތުގައި ހިތުގެ ބަލިތަކަށް މަގުފަހިވާނެ ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އެހެންކަމުން ލުއިކާނާއާ ދުރުވެ ސިއްހަތު ރަނގަޅު ކެއުމުގެ ވައްޓަފާޅިއެއް ޚިޔާރު ކުރުމަކީ މުހިއްމު ކަމެކެވެ.