ދިވެހިން ތެރޭގައި އެކި އެއްޗެއްސަށް ނަން ކިޔުމުގައި އެކި އެކަހަލަ ހާލަތްތައް މެދުވެރިވެ އެވެ. އަނެއް ބައެއް ފަހަރަށް އެކަމަކާއި ކުޅިގެން ނަންތަކެއް އެކި ތަކެއްޗަށް ކިޔާފައި ވެސް ހުރެ އެވެ. ނޫނީ މީހުންގެ ތެރޭގައި އެޔަށް އާންމުކޮށް ކިޔާ ނަމެއް ވެސް ހަރުލާ ފަހަރު އާދެ އެވެ.

އެގޮތުން މޭވާ ތަކުގެ ތެރޭގައި ވެސް ދިވެހި ނަންތައް ކިޔުމުގައި މިކަހަލަ ހާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ. މިއީ ޖުމްހޫރީ މޭވާއަށް އެނަން ދެވުނު ގޮތެވެ.

ޖުމްހޫރީ މޭވާ ނުވަތަ ފެޝަން ފްރުޓް ރާއްޖެއަށް ތައާރަފް ވެފައި ވަނީ ރާއްޖޭގެ ޒަމާންވީ ރަސްކަމެއް ނިމި، ރިޔާސީ ނިޒާމަކަށް ނުވަތަ ޖުމްހޫރީ ވެރިކަމަކަން ބަދަލުވި ދުވަސްވަރު އެވެ. އެހެންކަމުން ފެޝަން ފްރުޓަށް ދިވެހިން ކިޔައި އުޅުނީ ޖުމްހޫރީ މޭވާ އެވެ. އޭގެ ފަހުން އެނަން މުޅި ރާއްޖެއަށް ތައާރަފުވެ، ވައިގަ ހިފި އެވެ.

ޖުމްހޫރީ މޭވާ

ޖުމްހޫރީ މޭވާ ދިވެހި ޖުމްހޫރިއްޔަތާއި ގުޅެނީ މިފަދަ ގޮތަކަށެވެ. އެއީ އެއްވެސް ހާލެއްގައި ޖުމްހޫރީ ވެރިކަމެއްގައި ވެރިކަން ކުރެއްވި ބޭފުޅަކަށް ނިސްބަތްކޮށް، ނުވަތަ އެއިން ބޭފުޅެއްގެ ފަރާތްޕުޅުން ފެނުނު ކަމެއްގެ ސަބަބުން ދެވުނު ނަމެއް ނޫނެވެ.

ޖުމްހޫރީ މޭވާއަކީ ދިވެހިންގެ ތެރޭގައި މިއަދު ވަރަށް ވެސް މަގުބޫލު މޭވާއެކެވެ. އަދި ދިވެހި ފަސްގަނޑުގައި ގިނަ އަދަދަކަށް ހައްދާ އުޅޭ މޭވާއެކެވެ. އަދި ހަށިގަނޑަށް ވެސް އެތަކެއް ފައިދާއެއް ލިބިދޭ މީރު މޭވާ އެކެވެ.

ޖުމްހޫރީ މޭވާގެ މައިގަނޑު ދެ ވައްތަރެއް ހުރެ އެވެ. އެއީ ރީދޫ ނުވަތަ ރަން ކުލައަކަށް ހުންނަ ވައްތަރަކާއި ދަނބު ނުވަތަ ރަންގު ކުލައަކަށް ހުންނަ ވައްތަރެކެވެ.

ޢާއްމު ގޮތެއްގައި ޖުމްހޫރީ މޭވާ ބޭނުންކުރެވެނީ ހުހަށް ކެއުމަށާއި ޖޫސް ތައްޔާރުކުރުމަށެވެ. ޖުމްހޫރީ މޭވާ ވެލުގެ ފަތުން ފަތް މޮޑެ، މަސްހުނި ހަދައި އުޅެ އެވެ. މީގެ އިތުރުން އައިސް ކްރީމް، ޕުޑިން، ސަރުބަތު، ޖެލީ، އަދި ޖޭމް ހެދުމަށް ވެސް ޖުމްހޫރީ މޭވާ ބޭނުން ކޮށް އުޅެ އެވެ.

ޖުމްހޫރީ މޭވާ ފަނި

ނޭވާ ހިއްލުން، ހޯއްގޮއްވާ ކެއްސުން، ވައިނޮޅީގެ ކަފި ދުޅަވުން، އަދި ކެއްސުމާއި މިނޫނަސް ނޭވާލާ ނިޒާމަށް ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ބްރެޒިލް ފަދަ ގައުމު ތަކުގައި ޖުމްހޫރީ މޭވާގެ ޖޫސް ބޭނުން ކުރެވެ އެވެ. ޕެރޫގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް ލުއިކުރުމަށް ޖުމްހޫރީ މޭވާ ބޭނުންކުރެ އެވެ.

ޖުމްހޫރީ މޭވާގައި ތަފާތު 13 ވައްތަރެއްގެ ކެރޮޓިނޮއިޑް އަދި 8 ވައްތަރެއްގެ ޕޮލީފީނޯލް އެކުލެވިގެންވެ އެވެ. ވިޓަމިންސީ އާއި، ވިޓަމިންއޭ އަދި ޕޮޓީޝިއަމް ވެސް ޖުމްހޫރީ މޭވާގައި ހުރެ އެވެ.

މި ބުނި މާއްދާތަކުގެ ސަބަބުން ކެންސަރުން ހިމާޔަތްވެ، ހުރުމަށް އެހީތެރިވެދެ އެވެ.