ހަށިގަނޑުގެ އެހެން ގުނަވަންތަކެކޭ އެއްގޮތަށް މޫނަކީ ވެސް ސަރުބީ ޖަހާ ތަނެކެވެ. މޫނުގައި ސަރުބީ ޖެހުމުން މޫނު ދުޅަކަމަށް ދައްކާނެ އެވެ. އެގޮތުން

ދެކޮލާއި ދަތްދޮޅިއަކީ މޫނުގައި ސަރުބީ އެންމެ ގިނައިން ޖަހާ ތަންތަނެވެ. މިކަމަށް އިނގިރޭސި ބަހުން ޑަބަލްޗިން އޭ ކިޔާއުޅެ އެވެ.

މޫނުގައި ޖަހާ ސަރުބީ ވިރުވާލަން ބޭނުންނަމަ ކެއިންބުއިމަށާއި ދިރިއުޅުމަށް ގެންނަ ބައެއް ބަދަލުތަކުން އެކަން ހާސިލް ކުރެވިދާނެ އެވެ.

ގިނައިން ފެންބުއިން

ތިބާއަކީ އާއްމުގޮތެއްގައި ބަރުދަން އިތުރު މީހެއް ނޫން ނަމަވެސް ހަށިގަނޑުގައި ފެން މަދުވެއްޖެނަމަ މޫނު ދުޅަވާނެ އެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 8 ތަށި ފެން ބޯނަމަ ހަށިގަނޑުގައި ދައުރުވާ ލޮނުގެ މިންވަރު ދަށްވެ މޫނު ވެސް ހިކޭނެ އެވެ.

ލޮނު ބޭނުންކުރުން މަދުކުރުން

ލޮނު މާގިނައިން ބޭނުން ކުރުމަކީ ބަރުދަން އިތުރުވާކަމެކެވެ. މިގޮތަށް ބަރުދަން އިތުރުވާއިރު ހާއްސަ ގޮތެއްގައި މޫނުގެ އެކި ހިސާބުތަކަށް ލޮނު ޖަމާވުން އިތުރުކަމަށް ވާއިރު ގިނައިން ލޮނު ބޭނުންކުރުމަކީ މޫނު ވެސް ދުޅަވެ، ފަލަކަމަށް ދައްކާނެ ކަމެކެވެ.

ނިދި ހަމަކުރުން

ދުވާލަކު މަދުވެގެން 8 ގަޑިއިރުގެ ނިދި ހަމަކުރުމަކީ ބަރުދަން ލުއިކުރުމަށް މުހިންމު ކަމެކެވެ. ހަމައަށް ނިދި ނުލިބޭނަމަ ސްޓްރެސް ހޯމޯންއެއް ކަމަށްވާ ކޯޓިސޯލް ހަށިގަނޑުގައި ދައުރުވުން އިތުރުވެ، މޫނަށާއި ހަށިގަނޑުގެ އެހެން ތަންތަނަށް ސަރުބީ ޖަމާވުމަށް މަގުފަހި ކޮށްދެ އެވެ.