ކޮވިޑް -19އަށް ޕޮޒިޓިވްވެ، އެ ބަލީގައި ހާލުބޮޑުވާ ބަލި މީހުންނަށް ދިޣޫ މުއްދަތުގައި ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް ވޮޝިނޤޓަން ރިސާޗަރުންތަކެއް ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ކިޑްނީ ފަންކްޝަން ދަށްވެފައިވެ އެވެ. އެހެންކަމުން ދިގު މުއްދަތުގައި އެފަދަ މީހުންނަށް ކިޑްނީ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

މި ދިރާސާއާއެކު ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން ގަވާއިދުން ކިޑްނީގެ ޑޮކްޓަރަކަށް ދައްކާ ސިއްހީ ލަފާ ހޯދުމަށް އިލްތިމާސް ކޮށްފައިވެ އެވެ. ސަބަބަކީ ބޭރު ފުށުން އެއްވެސް އަލާމާތެއް ނުފެނި ވެސް ކިޑްނީގެ މައްސަލަތައް ބޮޑުވެދާނެތީ އެވެ.

ކިޑްނީ ބަލިޖެހުމުގެ ފުރުސަތު ބޮޑީ ބަލީގައި ހާލުބޮޑުވެ، އައިސީޔޫގައި ފަރުވާދޭން ޖެހުނު މީހުންނަށް ކަމަށް ފާހަގަކޮށްފައިވާއިރު، ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ، ނަމަވެސް ޕޮޒިޓިވްވެފައިވާ މީހުންގެ މެދުގައި ވެސް ކިޑްނީގެ މަސައްކަތްތަކަށް ބަދަލު އައިސްފައިވާ ކަމަށް ދިރާސާގައި ދައްކާފައިވެ އެވެ.

ކިޑްނީ ބަލިތަކަކީ އަވަހަށް ދެނެގަނެވިއްޖެ ނަމަ އެކަށީގެންވާ ބޭސްފަރުވާ އާއެކު އޭގެ އަސަރުތައް ކުޑަކުރެވޭނެ ބައްޔެއްކަމުން އެ ބައްޔަށް ހުށަހެޅިވާ އެންމެން އެކަމަށް ސަމާލުވެ ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.